ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރުމަށް މިއަދު ބާއްވާ ހަރަކާތުގެ ތެރެއިން އެޗްޕީވީ ވެކްސިން ދިނުން ކުރިއަށް ދާނެކަމަށާއި އަދި މީގެ އިތުރުންވެސް ގިނަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ކެންސަރު ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު 16:00 އިން 18:00 އަށް ހެންވޭރު ދަނޑުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. މި ގޮތުން އުމުރުން 10 އަހަރާއި 15 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް އެޗްޕީވީ ވެކްސިން ދިނުމަށް ހަމަޖެހިފައިވާއިރު އެޗްޕީއޭ އިން ވަނީ ވެކްސިން ޖެހުމަށް ބޭނުންވާ ފަރާތްތަކުން ވެކްސިން ކާޑު ގެނައުމަށް އެދިފައެވެ.

އަންހެނުންނަށް ޖެހޭ ކެންސަރުތަކުގެ ތެރެއިން އެންމެ އާއްމު އެއް ކެންސަރުކަމަށްވާ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަކީ ކޮންމެ އަންހެނަކަށް ވެސް ޖެހިދާނެ ބައްޔަކަށްވާއިރު ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ޖެހުމުގެ އެންމެ މުހިއްމު ދެ ސަބަބަކީ ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ ވަރިއަސް) އިން ޖެހޭ އިންފެކްޝަނުންނާއި ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ދުމަށް މަތީ މިންވަރަކަށް ހުށަހެޅުމުންނެވެ.

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުން ރައްކާތެރިވުމުގެ ގޮތުން އެޗްޕީވީ ވެކްސިން ދިނުމުގެ މަސައްކަތް އެޗްޕީއޭ އިން ކުރަމުން އަންނައިރު މިއަދު ބާއްވާ ހަރަކާތުގެ ތެރެއިން އެޗްޕީވީ ވެކްސިންއަށް ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުަމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކެންސަރަށް ސްކްރީންކުރުމާ، ކުޑަކުދިންގެ ކުޅިވަރުތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.