ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ މުއާމަލާތުކުރުމެއް ނެތި، ރާއްޖޭގެ މަސްދޯނި ފަހަރަށް އިންޑިއާގެ އަސްކަރިއްޔާ އިން އެރީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާ ހިލާފަށް ކަމަށް، ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

މިރޭ ނެރުނު ބަޔާނެއްގައި ޑިފެންސް މިނިސްޓްރީން ބުނީ، މިދިޔަ ބުދަ ދުވަހު ހއ. ދިއްދޫގެ އިރު އުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ އދ. މަހިބަދޫގެ 'އަސުރުމާ 03' ނަމަކަށް ކިޔާ ދޯންޏަށް ބޭރުގެ އަސްކަރިއްޔާއަކުން އަރައި ތިބިކަމުގެ މައުލޫމާތު ދިވެހި ސިފައިންނަށް ލިބުމުން، ދޯނި އޮތް ސަރަހައްދު ކަށަވަރުކުރުމަށް ފަހު އެ ސަރަހައްދަށް ސިފައިން ދިޔަ ކަމަށެވެ.

އެ ސަރަހައްދަށް ސިފައިން ދިއުމުން، 'އަސުރުމާ 03' ގެ އިތުރުން 'މޮހޮރާ 3' އާއި 'ނިރު 7' އަށް އަރާފައި ވަނީ އިންޑިއާގެ ސިފައިން އަރާފައިވާ ކަން ކަށަވަރުކުރެވުނު ކަމަށް، މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

"ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަކަށް ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓްކުރުމެއް ނެތި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާގެ އަސްކަރިއްޔާ އިން ބޯޑުކޮށް ހިންގި އޮޕަރޭޝަނުގެ ތަފްސީލު ދެއްވުމަށް ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި 01 ފެބްރުއަރީ 2024 ގައި ވާނީ ރަސްމީކޮށް ދަންނަވައިފައެވެ." އެ ބަޔާނުގައި ބުންޏެވެ

އިންޑިއާ ކަނޑަށް ނިކުމެ އުޅެނިކޮށް އިންޑިއާ ސިފައިން އެ ތިން ދޯންނަށް އެރި ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، ސަރުކާރުން ބުނީ ފިޝަރީޒް މިނިސްޓްރީގެ ވެސަލް މޮނިޓަރިން ސިސްޓަމުން ކަށަވަރު ވަނީ ދޯނިފަހަރު އޮތީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި ކަމަށެވެ.

މިކަމާ ބގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާ އިން ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ އދ މަހިބަދޫ 'އަސުރުމާ 3' ދޯންޏަށް އިންޑިއާގެ މަނަވަރެއް ކައިރިކޮށް ދޯންޏަށް ސިފައިން އަރައިފި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައެވެ. މިކަން ކުށްވެރި ކުރާ ކަމަށް ބުނެ އެ ޖަމިއްޔާ އިން ވަނީ މިކަން ތަހްގީގު ކުރުމަށް ގޮވާލައިފައެވެ.