މިދިޔަ ބުރާސްފަތު ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދެ ދޯންޏަކަށް އިންޑިއާ ސިފައިން އެރި ވީޑީއޯއެއް އާންމުވެއްޖެވެ.

މި ވީޑިއޯ އާންމުކޮށްފައި ވަނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުންނެވެ. އެ ޔޫނިއަނުން ވީޑިއޯ އާންމުކޮށް ފޭސްބުކްގައި ޖެހި ޕޯސްޓްގައި ބުނެފައި ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް އިންޑިއާގެ ސިފައިން އެރީ "އަސުރުމާ 3" އާއި "ނިރު 7" އަދި "މާހޯރަ 3" ދޯންޏަށް ކަމަށެވެ.

އާންމުކުރި ވީޑިއޯ ނަގާފައިވަނީ އެތަނުން ދޯންޏަކުން ކަމަށް ވާއިރު، އެ ދޯނީގައި އިންޑިއާ ސިފައިން ހަތިޔާރާއެކު ތިބޭތަން ފެނެއެވެ. އަދި އެ ސަރަހއްދުގައި ދެ ދޯންނެއް އޮތް އިރު، އިންޑިއާގެ މަނަވަރެއް ވެސް އެ ސަރަހައްދުގައި އޮތް ތަން ފެނެއެވެ. އަދި އެ މަސްދޯނިތަކުގެ ފަޅުވެރިން ދިރުންބާ ކޯލަށް ނެރެފައި ތިބި މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެއެވެ.

މިހާތަނަށް އައި އިރު ވީޑިއޯ އިން ތިން މަސްދޯންޏަކަށް އިންދިއާ ސިފައިން އަރާ ތިބޭ ތަން ފެނުން ނަމަވެސް ކަމާ ގުޅޫން ހުރި އިދާރާތަކުން އިންޑިއާ ސިފައިން އެރީ 3 ދޯންޏަށް ކަން ހާމައެއް ނުކުރެއެެވެ.

އިންޑިއާ ކަނޑަށް ނިކުމެ އުޅެނިކޮށް އިންޑީއާ ސިފައިން އެ ދޯންނަށް އެރި ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ފިޝަރީޒް މިނިސްޓްރީގެ ވެސަލް މޮނީޓަރިން ސިސްޓަމް އިން ކަށަވަރު ވަނީ ދޯނި އޮތީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި ކަމަށެވެ.

އިންޑިއާގެ އަސްކަރިއްޔާ އިން ރާއްޖޭގެ މަސް ދޯންޏަކަށް އެރި ކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފުން ވަނީ އެ ދޯނި ހިފަހައްޓާފައިވާ ސަރަހައްދަށް ގޮސްފައެވެ. އެ ދޯންޏަށް އެރީ ކޮން ގައުމެއްގެ ސިފައިން ކަން މިހާތަނަށް އައި އިރު ވެސް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެެވެ.

މިކަމާ ބެހޭ ގޮތުން ބޮޑު ކަންނެލި މެސްވެރިންގެ ޔޫނިއަންއިން ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ އދ މަހިބަދޫ 'އަސުރުމާ 3' ދޯންޏަށް އިންޑިއާގެ މަނަވަރެއް ކައިރިކޮށް ދޯންޏަށް ސިފައިން އަރައިފިކަމަށް މައުލޫމާތު ލިބިފައު ވާ ކަމަށް ބުނެފައެވެ. މިކަން ކުށްވެރި ކުރާ ކަމަށް ބުނެ އެ ޔޫނިއަންއިން ވަނީ މިކަން ތަހްގީގު ކުރުމަށް ގޮވާލާފައެވެ.