މިފްކޯގެ ސެންޓަރުތަކުން މާދަމާ ކޮންމެ ދޯންޏަކަށް ހިލޭ 3 ޓަނުގެ އައިސް ދޫކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އައިސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ސްޓޮކް ހުސްވަންދެން ކަމަށާއި މިއީ މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯއިން ބުނީ އެ ކުންފުނީގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން ކޮންމެ ދޯންޏަކަށް 3 ޓަނު އައިސް ހިލޭ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އައިސް ދޫކުރަން ހަމަޖެހިފައި ވަނީ މާދަމާގެ ނިޔަލަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
އައިސް ޕްލާންޓްތަކުން އައިސް ލިބުމުގައި ދަތިތައް ހުރިކަން މަސްވެރިން ފާހަގަކުރަމުންދާ އިރު، މި މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން 11 އައިސް ޕްލާންޓެއް ވާނީ މިފްކޯއަށް ހަވާލުކޮށްފައެވެ.
މީގެއިތުރުން މަސްވެރިކަން ކުރާ އޮޑިދޯނިފަހަރުން ބާނާ މަސް ރައްކާތެރިކަމާއެކު ފިނިކޮށް ބެހެއްޓޭ ފަދަ ސިސްޓަމެއް ދޯނިތަކުގައި ގާއިމް ކުރުމަށް ވެސް މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން 200 ދޯންޏެއްގައި އެ ސިސްޓަމް ގާއިމް ކުރެވޭނެ ވަރުގެ ބަޖެޓެއް އެލޮކޭޓް ކޮށްފައިވާ ކަމަށް ޝިޔާމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.