ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމަށް އިއްޔެ ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އިސްކަންދަރުކޮށީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވީ، ޝަމީމަށް ހަމަލާދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ، ޝަމީމަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.

ޝަމީމަށް ދިން ހަމަލާގެ މައްސަލައިގެ އިތުރު ތަފްސީލު ދެއްވަމުން ޝުޖާއު ވިދާޅުވީ، އެ ހަމަލައަކީ އެކަން ރޭވިގެން ހިންގި ކަމެއްކަން މިހާތަނަށް ލިބުނު މައުލޫމާތުން އެނގިގެން ދިޔަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ތަހްގީގުން ހާމަވާ މުހިންމު މައުލޫމާތުތައް ފުލުހުން ހިއްސާކުރަމުން ދާނެއެވެ.

އިއްޔެ ޝަމީމަށް ދިން ހަމަލައާ ގުޅިގެން ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުން އޭނާ ފަރުވާ ހޯއްދަވާފައިވެއެވެ

އޭޑީކޭ އިން ފަރުވާ ހޯއްދެވުމަށް ފަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝަމީމް ވިދާޅުވީ:

  • ހަމަލާގެ ސަބަބުން އޭނާގެ ވައަތުގައި ރެނދެއް ލާފައިވާ ކަމަށް
  • ހާލު ރަނގަޅު ކަމަށާއި މިހާރު ހުންނެވީ ގޭގައި ކަމަށް
  • ކަސްރަތުކުރުމަށް އެނބުރި ވަޑައިގަންނަވާނީ މިހާރަށް ވުރެ ގަދަކޮށް ކަމަށް