ވިނަރެސް ފްލެޓްތަކުގެ އަގުތަކަށް ހެޔޮ ބަދަލު ގެނެސް ބޮޑެތި ލުއިތަކެއް ހަމަޖައްސައި ދީފިއެވެ.

ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ވިނަރެސް މަޝްރޫއިން ފްލެޓް ކުއްޔަށް ނެގި މީހުންގެ އެދުމުގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ލުއިތަކެއް ދެއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން "ލީސް ޓު އޯން މޮޑެލްގެ" އިންޓަރެސްޓް ރޭޓް 9 ޕަސެންޓުން 6 ޕަސެންޓަށް ބަދަލު ކުރުމުގެ އިތުރުން ފްލެޓްތަކުގެ ޑައުންޕޭމަންޓުގެ 50 ޕަސެންޓު ކުޑަކޮށް، އެ އަގު އުނިކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން ޑައުންޕޭމަންޓް ދެއްކުމަށް ދީފައިވާ 3 މަހުގެ ބަދަލުގައި 6 މަސްދުވަހުން ޑައުންޕޭމަންޓް ދައްކާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުންވެސް 6 ޕަސެންޓުގެ އިންޓަރެސްޓު ރޭޓުގެ ފްލެޓަށް މަހަކު ދައްކަންޖެހޭ އަދަދުން އެވްރެޖްކޮށް 4200 ރުފިޔާ ވަނީ ކުޑަ ކޮށްދީފައެވެ. އަދި އެއީ ފްލެޓްގެ އަގުން ދޭ ޑިސްކައުންޓެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި ބަދަލަާއެކު ވިނަރެސް މަޝްރޫއުން ފްލެޓް ކުއްޔަށް ނެގި ފަރާތްތަކުގެ ތެރެއިން ބޭންކެއް މެދުވެރިކޮށް ނޫންނަމަ އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާ ކުރާ އުސޫލުން ފްލެޓް ނެގި ފަރާތްތަކަށްވެސް މި ލުއިތަށް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ބޭންކް ލޯނަށް މަހަކު އެވަރެޖްކޮށް ދައްކަންޖެހޭ ކަމަށް ލަފާ ކުރެވޭ އަދަދުން 4200 ރުފިޔާ އެވްރަޖްކޮށް ކުޑަވާނެ ގޮތަކަށް ފްލެޓްގެ އަގުން ޑިސްކައުންޓް ލިބޭނެއެވެ. އަދި އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާ ކުރާ ފަރާތްތަކަށް ފްލެޓްގެ އަގުންވެސް އެވަރެޖް ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އެއްފަހަރާ ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދެވޭނެ ގޮތްތަކެއް ހަމަޖައްސެއްމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އަދި ހަމައެހެންމެ ޑައުންޕޭމަންޓަށްވާ އަދަދުގެ 50 ޕަސެންޓު އަގުން އުނިކޮށް އަގު އަދާކޮށްފައިވާ ފަރާތްތަކަށްވެސް އަނބުރާ އެ ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް އެޗްޑީސީން މައުލޫމާތު ދިނެވެ. މި ބަދަލާ ގުޅިގެން އެގްރީމެންޓަށް އަންނަ ބަދަލުތައް ގެނެއުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.