ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ނުދެއްކުމުން ދައްކަންޖެހޭ ޖޫރިމަނާ (އޯވަޑިއު އިންޓަރެސްޓް) ރޭޓު އަނެއްކާވެސް ދައްކޮށްފިއެވެ.
މީގެ ކުރިން އެ ބޭންކުން އޯވަޑިއު އިންޓަރެސްޓް ދަށްކޮށްފައި ވަނީ 2 ޕަސެންޓަށެވެ. ނަމަވެސް ހުސްވި މަހު އެ ބޭންކުން ބޭއްވި ބޯޑު ބައްދަލުވުމެއްގައި އޯވަޑިއު އިންޓަރެސްޓް 0.5 ޕަސެންޓަށް ދައްކޮށްފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހުވެސް ބޭންކުން ވަނީ އޯވަޑިއު އިންޓަރެސްޓް ރޭޓު %10 އިން %2 އަށް ކުޑަކޮށްދީފި އެވެ. އޯވަޑިއު އިންޓަރެސްޓަކީ ލޯނަށް ފައިސާ ދައްކަންޖެހޭ ތާރީހުގައި ފައިސާ ނުދައްކާ ފާއިތުވާ މުއްދަތަށް ނަގާ ޖޫރިމަނާއެކެވެ.
އޯވަޑިއު އިންޓްރެސްޓް އެރިޔަ ނުދިނުމަށް ގަވައިދުން ހުރިހާ ފަރާތްތަކުން ވެސް ލޯނު އަނބުރާ ދެއްކުމަށް ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.
ދާދި ފަހުން ބީއެމްއެލް އިން ވަނީ އެ ބޭންކުން ދޫކުރާ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓްވެސް 2.5 ޕަސެންޓަށް ދަށްކޮށްފައި ވެއެވެ. އެގޮތުން މިހާރު ނަގާފައިވާ ފެސިލިޓީސްގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީސް އަށްވެސް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަނޑައަޅާފައިވަނީ މި ރޭޓު ގައި ކަމަށް އެ ބޭންކުން ބުނެއެވެ.