ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ކުށުގެ ދައުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދެ ދައުވާއެއް ބައްސާމްގެ މައްޗަށް އުފުލާފައިވާކަމަށެވެ. އެއީ މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރި ބައްސާމް ވަނީ ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ)ގެ ފަރާތުން އެފްއޭއެމް އަށް ދިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުންކުރި ކަމުގެ ތުހުމަތު ކޮށްފަކަމަށެވެ.

އަދި އޭނާ އެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވަނީ ޑޮލަރުގެ ގަތުމުގެ މުއާމަލާތެއް ކަމަށް ބުނެ، ބޭންކު ޗާޖުގެ ގޮތުގައި ފަސް ޑޮލަރު ކެނޑުމަށް ފަހު ޖުމުލަ 9،999 ޑޮލަރު ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މިކުށް ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލާނެއެވެ.

ބައްސާމްގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލާފައިވަނީ 9،999 އެމެރިކާ ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ ތެރެއިން 1,910 އެމެރިކާ ޑޮލަރު 2 ސެޕްޓެންބަރު 2018 ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ގްލޭސިއަރ އިންވެޓްމަންޓްސް ޕވޓ ލޓޑގެ ކަންކަމަށް ބޭނުންކޮށްފައި ވާތީއެވެ.

މީގެއިތުރުން އޭނާ ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފުލެޓުގެ އެޕާޓްމެންޓުގެ ކުލި ދައްކަން ވެސް އޭގެ ތެރެއިން 2،000 ޑޮލަރު ބޭނުން ކޮށްފައިވާ ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

100،000 ރުފިޔާއާއި 1،000،000 ރުފިޔާއާއި ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް މިކުށް ސާބިތުވެއްޖެނަމަ ޖަލަށް ލާނެއެވެ.

މިމައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާކަމަށާއި އިތުރު ބައިތަކުގެ ތަހުގީގު ނިމެމުންދާ ވަރަކަށް އެބައިތަކާ ގުޅިގެން ދައުވާ ކުރަންޖެހޭ މީހުންގެ މައްޗަށް ދައުވާ ކޯޓަށް ހުށަހަޅަމުންދާނެކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.