ހޯއްގޮވާ ކެއްސުމަށް 5 މީހަކު ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ރާއްޖެއިން މުޅިން ނައްތާލާފައިވާ ހޯއްގޮވާ ކެއްސުމުގެ ބަލި ފެނިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ގއ. ވިލިނގިލިންނެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ ގއ. ވިލިނގިލިން ހޯއްގޮވާ ކެއްސުމުގެ އިތުރު ކޭސްއެއް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއާއެކު އެ ބައްޔަށް 5 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެ ރަށުގައި ބަލި ފެތުރުން މަދު ކުރުމަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ޓާސްކް ފޯހެއް އެކުލަވާލާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ރަށުގެ އެހެނިހެން ސެކްޓަރުތަކުގެ ފަރާތްތަކުގެ އެއްބާރުލުމާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި:

  • ޕޮސިޓިވްވި ކޭސްތައް - 5
  • ހޯދާފައިވާ ކޮންޓެކްޓުގެ އަދަދު - 177
  • އަލާމާތްތައް ހުރި ކޮންޓެކްޓުގެ އަދަދު - 25
  • އަލާމާތް ހުރެގެން ޓެސްޓު ކުރި އަދަދު - 46
  • ހައި ރިސްކު ކޮންޓެކްޓުން - 2
  • ޕްރޮފައިލެކްސިވް ދެވުނު އަދަދު - 27

ހޯއްގޮވާ ކެއްސުން އަދި އެހެނިހެން އަރިދަފުސް ރޯގާތަކުން ރައްކާތެރިވުމަށް:

  • މާސްކް އަޅައިގެން އުޅުން، ހާއްސަކޮށް އަލާމާތެއް ހުރިނަމަ މާސްކް އެޅުން އަދި އަލާމާތެއް ހުރިނަމަ ސްކޫލަށް، އޮފީހަށް، މީހުން ގިނަ ތަންތަނަށް ނުދިއުން އަދި ބަލި މީހުން ގާތަށް ނުދިއުން.
  • އިންފްލުއެންޒާ އަދި ކޮވިޑް-19 ވެކްސިން ޖެހުން.
  • 7 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޕަރޓޫސިސްގެ ވެކްސިން ފަރިހަމަ ނުކުރާ ކުދިންގެ ވެކްސިން ފުރިހަމަ ކުރުން
  • އަތް ދޮވުން ނުވަތަ ސެނިޓައިޒާ ބޭނުން ކުރުން.

އެޗްޕީއޭއިން ބުނީ ހޯއްގޮވާ ކެއްސުން އަދި އެހެނިހެން އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް ގއ. ވިލިނގިލީ ޓާސްކްފޯސްގެ ފަރާތުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ހެލްތް މިނިސްޓްރީއާއި އެޗްޕީއޭ އަދި އައިޖީއެމްއެޗްގެ ފަންނީ ޓީމެއް އިއްޔެ އަދި މިއަދު ގއ. ހޮސްޕިޓަލުގައި ހަރަކާތްތެރިވާނެ ކަމަށެވެ.