މަނިޕޫރުގައި ކިޔަވަމުން އަންނަ އަންޑަގްރެޖުއޭޓް ދަރިވަރެއް ކަމަށްވާ ޖޯސެފް ހައޯކިޕް ހުރީ އިޒްރޭލަށް ދިއުމުގެ ވިސްނުމާމެދު ވަރަށް އުފާވެފައެވެ. އިޒްރޭލުން ގާޒާއަށް ދެމުން އަންނަ އަނިޔާވެރި ހަމަލާތަކުގައި 26،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ހަނގުރާމައިގައި ހަމާސްއާ ދެކޮޅަށް އިޒްރޭލުގެ އަސްކަރިއްޔާއާ ގުޅެން އޭނާ ހުރީ ތައްޔާރަށެވެ.
މިދިޔަ އަހަރު މަނިޕޫރުގައި ނަސްލީ ހަމަނުޖެހުންތަކެއް ހިނގި އިރު ފިލައިގެން ދިއުމަށް ފަހު އަވަށްޓެރި މިޒޯރަމް ސްޓޭޓުގައި އެ މީހުން ފަސް މަސް ދުވަސް ހޭދަކުރިއެވެ. އެއަށްފަހު އުމުރުން 20 އަހަރުގެ މި ޒުވާނާ އާއި އޭނާގެ އާއިލާ އެނބުރި އައީ މަނިޕޫރުގެ ކަންގްޕޮކްޕީ ޑިސްޓްރިކްޓްގައި ހުންނަ އެމީހުންގެ ގެއަށެވެ.
"މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ބްނެއީ މެނާޝޭގެ އެހެން މެމްބަރުންނާއެކު ވަގުތީ ކޭމްޕެއްގައި ދުވަސްތައް ހޭދަކުރުމަށްފަހު އެނބުރި އައީ މީގެ ދުވަސްކޮޅެއް ކުރިން. އެހެންނަމަވެސް އަހަރެން ބޭނުންވަނީ އިޒްރޭލަށް ގޮސް ގެއްލުނު ގަބީލާއާ އަލުން ގުޅެން. އަދި އިޒްރޭލުގެ އަސްކަރިއްޔާއާ ގުޅިގެން ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމީހުންނަށް އެއްބާރުލުން ދޭން ބޭނުންވަނީ އަހަރެންނަކީ އެ ބިމުގެ މީހެއް ކަމަށްވާތީ." ހައޯކިޕް ބުންޏެވެ.
މިޒޯރަމްގެ ވެރިރަށް އައިޒޯލްގެ އުމުރުން 37 އަހަރުގެ ޓެކްސީ ޑްރައިވަރެއް ކަމަށްވާ ރަފައެލް ކިއާންގްޓޭ ވެސް ބޭނުންވަނީ އޭނާގެ އަންހެނުންނާއި ތުއްތު ކުއްޖާއާއެކު އިޒްރޭލަށް ބަދަލުވުމަށެވެ. އޭނާގެ އަމާޒަކީ އޭނާގެ ކާބަފައިންގެ އަސްލުތަކާ ގުޅި، އޭނާގެ މަންމަ ކައިރިއަށް ދިއުމެވެ.
ކިއާންގްޓޭގެ މަންމަ ސާރާ ޕަޗުއާއު، 58، އޭނާގެ އެއްބަނޑު ފިރިހެނާއާއެކު އިޒްރޭލަށް ބަދަލުވީ 1993 ވަނަ އަހަރުއެވެ. "އަހަރެން ނިސްބަތްވަނީ ގެއްލުނު ގަބީލާއަށް. މަންމައާ އެކު އުޅެން އަދި އަންހެން ދަރިފުޅަށް ވެސް ރަނގަޅު މުސްތަގުބަލެއް ހޯދައިދޭން ބޭނުންވޭ. އަހަރެން ބޭނުން ވަނީ މީގެ 2700 އަހަރު ކުރިން އަހަރެމެން ވަކިވި ބިމާ އަލުން ގުޅެން." ކިއާންގްޓޭ ބުންޏެވެ.
ގެއްލުނު ގަބީލާ
ކިއާންގްޓޭ އާއި ހާއޯކިޕް ހިމެނެނީ އިންޑިއާގެ މަނިޕޫރާއި މިޒޯރަމް ސްޓޭޓްތަކުގައި ދިރިއުޅޭ ގާތްގަނޑަކަށް 5،000 މީހުންގެ ތެރޭގައެވެ. އެ މީހުންނަކީ 722 ވަނަ އަހަރު އަސީރިއާގެ ކާމިޔާބު ހޯދުންތެރިން އިޒްރޭލުގެ ބައިބަލް ގެއްލިފައިވާ ގަބީލާތަކުގެ ތެރޭގައި ހިމެނޭ މަނަޝޭގެ ދަރިކޮޅުގެ މީހުންނެވެ.
އައިޒޯލްގައި ދިރިއުޅޭ ކްރިސްޓިއަން ރިސާޗަރެއް ކަމަށްވާ ޕީސީ ބިއާކްސިއާމާ އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ ޗިން، ކުކީ އަދި މިޒޯ ނަސްލުގެ ގިނަ ބަޔަކު ގަބޫލުކުރަނީ އެމީހުންނަކީ އިޒްރޭލުގެ ގެއްލުނު ގަބީލާތަކުގެ ދަރިފަސްކޮޅު ކަމަށެވެ.
ކުރީޒަމާނުގައި އިޒްރޭލު އޮތީ ދެ ރަސްކަމަކަށް ބަހާލެވިފައެވެ. ދެކުނުގެ ސަރަހައްދަކީ ޔަހޫދީގެ ރަސްކަމުގެ ނަމުން މަޝްހޫރު ވެފައިވާ ސަރަހައްދެއް ކަމަށާއި އޭގެ ތެރޭގައި ގިނައީ ޔަހޫދީ އާއި ބެންޖަމިންގެ ގަބީލާތައް ކަމަށާއި އުތުރުގެ ބައި އެކުލެވިގެންވަނީ އެބުނާ 10 ގަބީލާގެ މައްޗަށް ކަމަށް އޭނާ ބުންޏެވެ.
އަސޫރީން އުތުރުގެ ރަސްކަމަށް އަރައި، އެތަނުގައި ދިރިއުޅޭ ގަބީލާތައް ބޭރުކޮށްލިއެވެ. އޭގެ ތެރެއިން ބައެއް ގަބީލާތައް ފިލައިގެން ގޮސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަޒަންވެރިވިއެވެ. ބްނެއީ މެނާޝޭ އިން ބުނި ގޮތުގައި އެ މީހުން ޗައިނާއަށް ގޮސް، އެންމެ ފަހުން ވަނީ އިންޑިއާގެ އިރުއުތުރު ސަރަހައްދަށް ގޮސްފައެވެ.
އިޒްރޭލުން 1950 ވަނަ އަހަރު ނެރުނު ލޯ އޮފް ރިޓާންގެ ދަށުން ޔަހޫދީންނާއި ޔަހޫދީ މާމަ/ކާފަ ނުވަތަ އަނބިމީހާ/ފިރިމީހާ ހުންނަ މީހުންނާއި އެމީހުންގެ އަނބިދަރިންނަށް އިޒްރޭލަށް ބަދަލުވެ އެތަނުގެ ރަށްވެހިކަން ހޯދުމުގެ ހައްގު ލިބުނެވެ. އަދި ގެއްލުނު ގަބީލާތައް އަނބުރާ ގެނައުމުގެ ދޮރުތައް ވެސް ހުޅުވިގެން ދިޔައެވެ.
އިންޑިޔާގައި ގެއްލުނު ގަބީލާތަކުގެ ދަރިފަސްކޮޅެއްކަމަށް ބުނަން ފެށުނީ 1951 ވަނަ އަހަރު ގަބީލާގެ ލީޑަރެއް ކަމުގައިވާ މެލާ ޗަލާއަށް އޭނާގެ ޒަމާންވީ ވަޒަނަކީ އިޒްރޭލު ކަމަށް ހުވަފެނެއް ފެނުމުންނެވެ. އޭގެ ފަހުން އިންޑިއާގެ އިރުއުތުރުގެ ގިނަ ބަޔަކު، ހާއްސަކޮށް މަނިޕޫރާއި މިޒޯރަމް ސްޓޭޓްތަކުގެ ސަގާފަތާއި އާދަކާދަތަކާއެކު ޔަހޫދީ ދީން ގެންގުޅެއެވެ.
އިޒްރޭލަށް ދިރިއުޅުން ބަދަލުކުރުން
ގުދުސްގެ ހިބްރޫ ޔުނިވާސިޓީގެ ސީނިއާ ރިސާޗަރެއް ކަމަށްވާ ޕްރޮފެސަރު ޝަލްވާ ވެއިލް ބުނީ 1980 ވަނަ އަހަރު އިންޑިއާއަށް ކުރި ދަތުރެއްގައި އިޒްރޭލުގެ ރަބީ އެލިޔާހޫ އަވިޗައިލް ފުރަތަމަ ފަހަރަށް ބްނައި މެނާޝޭ ދަރިކޮޅުގެ މީހުންނަށް ތައާރަފްކުރި ކަމަށެވެ.
"ގެއްލުނު ގަބީލާއާމެދު އެމީހުން ދައްކާ ވާހަކަތަކާ މެދު އަހަންނަށް ބޮޑު ޔަގީންކަމެއް ނުލިބުނަސް، ސަބަތު ދެމެހެއްޓުން ފަދަ ދީނީ އާދަކާދަތަކާއި ރަތް ކަނޑު ހުރަސްކޮށް ގެއްލުނު 10 ގަބީލާއިން އުފެދުނު ކަމަށް ދެކެވޭ ވާހަކަތައް ފިޔަވައި، އެމީހުންގެ ކިބައިގައި އެކަމަށް ތާއީދުކުރާނެ އެއްވެސް ލިޔެކިޔުމެއް ނެތް." ވެއިލް ބުންޏެވެ.
ނަމަވެސް ބްނީ މެނާޝޭ އިޒްރޭލަށް އަންނަން ފެށީ 1980 ގެ އަހަރުތަކުގައެވެ. 1991 ވަނަ އަހަރު ތެލްއަވީވްގައި ހުންނަ ޔަހޫދީ ޑައިސްޕޯރާގެ މިއުޒިއަމްގައި ގެއްލުނު 10 ގަބީލާގެ ލެޖެންޑާ ބެހޭ މައުރަޒެއް ވެއިލް ހުޅުވައިދިން އިރު، އެ މުޖުތަމައުގެ 12 މީހަކު އެތަނަށް އައި ކަމަށް އޭނާ ބުންޏެވެ.
"މަޑުމަޑުން އެ އަދަދުތައް އިތުރުވާން ފެށީ. 2005 ވަނަ އަހަރު އިޒްރޭލުން އެމީހުންނަކީ ޔަހޫދީންގެ ގޮތުގައި ބަލައިގަތުމުން އެ އަދަދުތައް އިތުރަށް މައްޗަށް ދިޔަ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 3،500 މީހުން މިހާރުވެސް އިންޑިއާއިން ބަދަލުވެއްޖެ." އޭނާ ބުންޏެވެ.
އިޒްރޭލަށް އެނބުރި ދާން ބޭނުންވާ މީހުން އެންމެ ފުރަތަމަ އާލިޔާ ހަދަން ޖެހެއެވެ. އޭގެ ހިބްރޫ ބަހުގެ މާނައަކީ "އަރައިގަތުން" ނުވަތަ "އުފުލުން" ނަމަވެސް އާންމުގޮތެއްގައި ބޭނުންކުރަނީ "އިޒްރޭލަށް ބަދަލުވުން" އަށެވެ. އިންޑިއާގައި އެންމެ ފުރަތަމަ އާލިޔާ ހަދާފައިވަނީ 2006 ވަނަ އަހަރުއެވެ. މި އާލިޔާގެ ތެރެއިން އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ލިޔެކިޔުންތައް ބެލުމާއި ރަބީއަކު ދޫކޮށްފައިވާ ޔަހޫދީ ދީނުގެ ސެޓްފިކެޓަށް ބަދަލުވުމާއި އިޒްރޭލަށް ބަދަލުވުމަށް ޝަރުތު ހަމަވާ ގޮތަށް އިންޓަވިއުތައް ކުރިއަށްގެންދިޔައެވެ. އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވި އާލިޔާގައި 150 މީހުން ވަނީ އިޒްރޭލަށް ބަދަލުވެފައެވެ.
ހުރިހާ ޔަހޫދީންނަށް ވެސް އާލިޔާ ހެދުމުގެ ހައްގު ލިބިގެންވާ އިރު، އެ މީހުން ހިފަހައްޓާނެތޯ ނުވަތަ ނޫންތޯ އެންމެ ފަހުގެ ނިންމުން ބިނާވަނީ އިޒްރޭލުގެ ވެރިކަމުގެ މައްޗަށެވެ. 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނެސެޓްގެ ނަމުން ނަންދީފައިވާ އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ ކޮމެޓީއަކުން ވަނީ ބްނެއީ މެނާޝޭއަށް އާލިޔާ ހެދުމުގެ ހުއްދަ ދިނުން ލަސްވާތީ ބަހުސްކޮށްފައެވެ. ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެ މުޖުތަމައުގެ 1421 މީހުން ވަނީ އިޒްރޭލަށް ބަދަލުވެފަ އެވެ. އަދި ކޮމެޓީގެ މުގައްރިރު އޮޑެޑް ފޯރް ވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ބާރު އަޅާ، މުޖުތަމައުގެ ބާކީ ތިބި މީހުންނަށް އާލިޔާ ހެދުމަށް އެހީތެރިނުވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.
ޖަވާބުގައި ސަރުކާރުން ބުނީ، ބްނެއި މެނާޝޭ އިޒްރޭލަށް ހިޖުރަކުރުމުގެ ޕްލޭނެއް އެކުލަވާލުމަށް އިންޓަ މިނިސްޓީރިއަލް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާއި މަނިޕޫރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވާން މަސައްކަތް ކުރަމުންދާތީ މުޖުތަމައުއަށް އިންސާނީ އެހީ ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ލިއާ ރެންތުލޭ، 52، އަށް އިޒްރޭލަށް ބަދަލުވުން ލަސްވާނަމަވެސް ޝައުގުވެރިކަން ކުޑައެއް ނުވެއެވެ. މީގެ 10 ވަރަކަށް އަހަރު ކުރިން އައިޒޯލްގައި ކިޔަވައިދިނުމުގެ ވަޒީފާއިން އޭނާ އިސްތިއުފާ ދިނީ ހޮނިހިރު ދުވަހު މަސައްކަތް ކުރަން ޖެހޭތީ ސަބާތު ފަދަ ދީނީ ކަންކަމަށް ހުރަސް އެޅޭތީއެވެ.
"ކުރީގެ އާލިޔާތަކުގައި އަހަރެންގެ ދެ ބެއިން މިހާރު ވެސް އިޒްރޭލަށް ގޮސްފައިވޭ. އަހަރެން އިންތިޒާރުކުރަމުން މިދަނީ އަހަރެންނަށްވެސް ދެވޭނެ ދުވަހަކަށް." ރެންތުލޭއީ ބުންޏެވެ.
މެއި މަހުގެ ތިން ވަނަ ދުވަހު ނަސްލީ ހަމަނުޖެހުންތައް ފެށުނު އިރު، އެންގިކޯޗިން ކިޕްގެން އާއި އޭނާގެ އާއިލާ ވަނީ މަނިޕޫރު ދޫކޮށް ފިލާފައެވެ. ފާއިތުވި ހަތް މަސް ދުވަސް އޭނާ ހޭދަކުރަމުން އަންނަނީ އައިޒޯލްއާ ގާތްގަނޑަކަށް 80 ކިލޯމީޓަރު (50 މޭލު) ދުރުގައި އޮންނަ މިޒޯރަމްގެ ކޮލަސިބް ސަރަހައްދުގެ ރެފިއުޖީ-ކޭމްޕެއްގައެވެ.
އުމުރުން 70 އަހަރުގެ ރެންތުލޭއީ އެތަނުގައި ދިރިއުޅެމުން އަންނަނީ އޭނާގެ ފުރާވަރުގެ އަންހެން މާމަދަރި ނައޯކިމް އާއި އެއް އަހަރުގެ ފިރިހެން މާމަ ދަރި ޝަޔޯރާ އެކުއެވެ. އާއިލާގެ އެހެން މީހުން ވަނީ އެނބުރި މަނިޕޫރަށް ގޮސްފައެވެ.
މިޒޯރަމްގައި ސަލާމަތުން ހުރި ނަމަވެސް، އޭނާ ބޭނުންވަނީ އިޒްރޭލަށް ގޮސް ހަޔާތުގެ އެންމެ ފަހު އަހަރުތައް އެތަނުގައި ހޭދަކުރުމަށެވެ. އޭނާވެސް ބުނަމުން އަންނަނީ އޭނާއަކީ ވެސް ބްނީ މެނާޝޭގެ މެމްބަރެއް ކަމަށެވެ.
"އަހަރެން ބޭނުންވަނީ އިޒްރޭލަށް އަނބުރާ ދާން. މީގެ އެތައް ގަރުނެއް ކުރިން ވަކިވި އިޒްރޭލު މީހުންނާ އަލުން ގުޅެން." ރަންތުލޭއީ ބުންޏެވެ.
ޔަހޫދީ ދީނަށް ބަދަލުވުން
ވެއިލް ބުނި ގޮތުގައި އިޒްރޭލަށް އެނބުރި އައުމަށްފަހު ބްނެއީ މެނާޝޭ އަށް ޖެހެނީ ޔަހޫދީ ދީނަށް ބަދަލުވެ، ހިބްރޫ ބަސް ދަސްކޮށް، މުޖުތަމައުގެ ދީނީ ރިވެތި އުސޫލުތަކަށް ތަބާވުމަށެވެ.
މިހާރުވެސް އިޒްރޭލުގައި ތިބި މުޖުތަމައުގެ މީހުން އެ ގައުމުގެ އަސްކަރީ ހިދުމަތަށް ވެސް އަހުލުވެރިވެފައިވާ ކަމަށް ވެއިލް ބުންޏެވެ.
"އެ މީހުން ވަނީ ވަރަށް އިހުލާސްތެރިކަން ދައްކައި، އިޒްރޭލުގެ މުޖުތަމައުގެ ތެރެއަށް ވަދެ، މުޅި ގައުމުގައި ވަޒަންވެރިވެފައި." ވެއިލް ބުނީ އެ މުޖުތަމައުގެ ގާތްގަނޑަކަށް 200 އެއްހާ މީހުން އިޒްރޭލުގެ އަސްކަރިއްޔާއާ ގުޅިފައިވާ ކަމަށެވެ. އަދި އިޒްރޭލުގައި ވެސް އިގްތިސާދީ ހާލަތު ރަނގަޅު ކަމަށާއި ނަމަވެސް ދިރިއުޅުމުގެ ހަރަދު އިރުއުތުރު އިންޑިއާއަށް ވުރެ ބޮޑު ކަމަށް ބުންޏެވެ.
ނަމަވެސް އައިޒޯލްގައި ހުންނަ ރިސާޗަރު ޕީސީ ބިއާކްސިއާމާ ދެކޭ ގޮތުގައި މުޖުތަމައުގެ ވިސްނުން ވަނީ މަގުފުރެދިފައެވެ.
"ބްނެއި މެނާޝޭ އަކީ އެމީހުންގެ އުފަން ރަށް ކަމަށްވާތީ މިޒޯރަމް ނުވަތަ އެހެން ތަނެއް ދޫކޮށްދާން މަސައްކަތް ކޮށްގެން ނުވާނެ. އެމީހުން އެކަމާ ފަހުރުވެރިވާން ޖެހޭ. އެމީހުން މިތަނުގައި ވަޒަންވެރިވިނަމަވެސް އެމީހުންގެ ދީނަށް އަމަލުކުރެވިދާނެ." އިޒްރޭލުގައި އާމްދަނީ ލިބޭ މިންވަރު މަތިކަމަށް ފާހަގަކޮށް އޭނާ ބުނީ އިޒްރޭލަށް ދިއުމުގެ އެންމެ ބޮޑު ސަބަބަކީ އިގްތިސާދީ މަންފާކަމަށް ދެކޭ ކަމަށެވެ.
ނަމަވެސް ބްނެއީ މެނާޝޭގެ މެންބަރުން ބުނަނީ އިޒްރޭލަށް ދިއުމުގެ ހަމައެކަނި ސަބަބަކީ އެ ބިމާ އަލުން ގުޅުން ކަމަށެވެ.
މިޒޯރަމްގެ ބްނެއީ މެނާޝޭ ކައުންސިލް (ބީއެމްސީ)ގެ ޗެއާމަން ތަންސިމާ ތައުމްޓޭ ބުނީ އޭނާގެ މުޖުތަމައުގެ ކޮންމެ މީހަކު ވެސް ތިބީ އާލިޔާއެއްގެ އިންތިޒާރުގައި ކަމަށެވެ. "ކާބަފައިންގެ ބިމާ އަލުން ގުޅެން ވަރަށް ބޮޑަށް އިންތިޒާރު ކުރަން. އެހުރިހާ ކަމެއް ބަރޯސާވަނީ އިޒްރޭލުގެ މައްޗަށް. އެމީހުންގެ ބިމަށް ދިއުމުގެ ފުރުސަތު އަހަރެމެންނަށް އަވަހަށް ލިބޭތޯ އަހަރެމެން މިތިބެނީ ދުއާ ކޮށްލަ ކޮށްލާ."