ފުވައްމުލައް ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުނުކުރެވި ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެކަން ހައްލުނުވެ ދިގުލައިގެން ދަނީ ފެނަކައިގެ އިހުމާލުން ކަމަށް ބުނެ އެ ކުންފުނީގެ މައްސަލަ، މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް މި މައްސަލަ ހުށަހަޅާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީއެވެ. ހުސެއިން މުހައްމަދު ހުށަހެޅުއްވި މި މައްސަލައިގައި ވިދާޅުވެފައިވަނީ އެކި ހިސާބުތަކުން ކަރަންޓު ކެނޑެން ފެށުމުގެ ކުރިން ވެސް ޖެނެރޭޓަރު ސެޓަށް މައްސަލަ ދިމާވެފައިވާ ކަން އެނގޭކަމަށެވެ. އެހެންނަމަވެސް އެކަން އެގި ތިބެ ފެނަކައިގެ ބެލުމުގެ ދަށުގައި ޖެނެރޭޓަރު ސެޓު ހުރެ, އެ މައްސަލަ ހައްލު ކުރުމަށް ފެނަކައިން މަސައްކަތް ކޮށްފައި ނުވާކަމަށް ހުސެއިން މުހައްމަދު ވަނީ ވިދާޅުވެފައެވެ.

މީގެ ދޮޅު މަސް ކުރިން ޖެނެރޭޓަރު ސެޓަށް މައްސަލަ ދިމާވެފައިވާއިރު، އެކަމުގެ ސަބަބުން ފުވައްމުލައް ސިޓީގެ ރައްޔިތުން ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާކަން ފާހަގަކުރައްވަމުން ހުސެއިން މުހައްމަދު ވަނީ މި މައްސަލަ ބަލައި ދިނުމަށް އެދިފައެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 11 ވަނަ ދުވަހުން ފުވައްމުލަކުގައި ބޭނުން ކުރަމުންދާ ހަތް ޖަނަރޭޓަރު ސެޓުގެ ތެރެއިން ސެޓެއް ހަލާކުވެ އެ ރަށުން ޝެޑިއުލްކޮށް ކަރަންޓް ކަނޑަމުން އަންނައިރު ފެނަކައިން ބުނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޖަނަރޭޓަރު ސެޓްތަކުގެ މެއިންޓަނެންސްއަށް އަހައްމިއްޔަތު ކަމެއް ދެވިފައި ނުވުމުގެ ސަބަބުން ވަރަށް ގިނަ ޖަނަރޭޓަރު ސެޓުތަކުގެ ހާލަތު ދަށްވެފައިވާކަމަށެވެ.

މި މައްސަލަ ހައްލުކޮށް ފުވައްމުލައް ސިޓީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފެނަކައިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އައްޑޫއިން ޓްރާންސްފޯމަރެއް ގެންދިއުމުގެ މަސައްކަތް ފެނަކައިން އަންނަނީ ކުރަމުންނެވެ.