ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފަށާނެ ކަން މި މަހުގެ ކުރީކޮޅު ސަރުކާރުން އިއުލާން ކޮށްފައިވާ އިރު މާޗް 1 އިން ފެށިގެން އެއާ އެމްބިއުލާންސް ދަތުރުތައް ސްރީލަންކާއަށް ފަށަން ނިންމައިފިއެވެ.

ސްރީލަންކާގެ ޕޯޓްސް، ޝިޕިން އެންޑް އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕާލާ ޑި ސިލްވާއާ، މިއަދު ވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ބައްދަލުކުރައްވާފައެވެ. މިއަދު ކޮލަމްބޯގައި ބޭއްވި މި ބައްދަލުވުމުން ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގެން ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކާމިޔާބު މަޝްވަރާތަކެއް ކުރެއްވި ކަމަށާއި އެގޮތުން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު މެޑް-އިވެކްުއޭޝަން ފްލައިޓްތަކުގެ ދަތުރުތައް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

މި ކަމާ ގުޅިގެން އޭވިއޭޓާސް މޯލްޑިވްސް އިން ބުނީ، އެއާ އެމްބިއުލާންސް ހިދުމަތް ދިނުމަށް މޯލްޑިވިއަންގެ ޑޭޝް8 ފްލައިޓްތަކުގެ ތެރެއިން އެއް އެއާ އެމްބިއުލާންސް އެއާކްރާފްޓް ފުލްޓައިމްކޮށް އޮޕަރޭޓް ކުރަން، ބަދަލު ކުރުމަށް ހަމަޖެހިފައި ވާ ކަމަށެވެ. މިއީ މިފަދަ އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ތައާރަފް ކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިފަދަ ހިދުމަތަށް ބޭނުންކުރި ހަމައެކަނި ހާއްސަ މަތިންދާ ބޯޓަކީ އިންޑިއަން ނޭވީއަށް ނިސްބަތްވާ ޑޯނިއާ މަތިންދާ ބޯޓުތަކެވެ.

މި ހިދުމަތް ތައާރަފް ކުރުމުން ރާއްޖޭގެ ސިއްހީ ހިދުމަތުގެ އިންފްރާސްޓްރަކްޗާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އޭވިއޭޓާސް މޯލްޑިވްސް އިން ބުނެއެވެ.

ޑި ހެވިލަންޑް ކެނެޑާ ޑޭޝް 8 މަރުކާގެ މަތިންދާ ބޯޓަކީ ރާއްޖޭގެ ޑޮމެސްޓިކް ހުރިހާ އެއާޕޯޓަކަށް އަދި ބައިނަލްއަގުވާމީ ފެންވަރުގައި އިންޑިއާ އާއި ސްރީލަންކާއަށް ވެސް ދަތުރުކުރެވޭނެ މަތިންދާ ބޯޓެއް ކަމަށް އޭވިއޭޓާސް އިން ބުނެއެވެ. މި މަތިންދާ ބޯޓަކީ ފިއުލް އެފިޝަންސީ އާއި ރިލައިބިލިޓީ އަދި ގޮންޖެހުން ބޮޑު މާހައުލުތަކުގައި އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިފައިވާ މަތިންދާ ބޯޓެކެވެ.

މި ހިދުމަތް ތައާރަފްކުރަން ނިންމުމަކީ ރާއްޖޭގެ ކުރިއަރަމުން އަންނަ ވައިގެ ދަތުރުފަތުރުގެ ސިނާއަތާއި ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް އަޒުމް ކަނޑައެޅުމުގެ ހެއްކެއް ކަަމަށް އޭވިއޭޓާސް އިން ބުނެއެވެ.

ރާއްޖެއިން އެއާއެމްބިއުލާންސްގެ ހިދުމަތް ލަންކާ އަށް ފަށާއިރު ދާދި ފަހުން ސަރުކާރުން ވަނީ، އާސަންދައިގެ ދަށުން ދުބާއީ އަދި ބޭންކޮކަށް ދެވޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރާ ކަމަށް ވެސް ބުނެފައެވެ. މިހާރު ރާއްޖެއިން އެންމެ ގިނައިން އާސަންދަ ލިބެނީ އިންޑިއާއަށް ނަމަވެސް ސަރުކާރުން މިހާރު ވަނީ އާސަންދައިގެ ދަށުން އިންޑިއާ އަށް ކުރާ ދަތުރުތައް މަދުކޮށް އެހެން މަންޒިލްތަކަށް ދިޔުމުގެ މިސްރާބު ހިފާފައެވެ.