ރައްޔިތުން މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން އެ މަގާމުތަކަށް އައްޔަން ކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތް ކަނޑާލުން ކަމަށް އިދިކޮޅު ޑިމޮކްރެޓްސް ބުނެފިއެވެ.

އިއްޔެ ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ތިން ވަޒީރަކަށް ރުހުން ނުދޭން ނިންމާފައެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ހިމެނިވަޑައިގަންނަވައެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ތިން ބޭފުޅުންވެސް އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވާފައެވެ. އެ ކަމާ ގުޅިގެން ޑިމޮކްރެޓްސްއިން މިއަދު ނެރުނު ކުރު ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އައްޔަންކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތްކަނޑާލުން ކަމަށާއި އަލުން އަނބުރާ ހަމަ އެ ވަޒީރުންގެ ނަންތަކެއް މަޖިލީހަށް ނުފޮނުވޭނެ ކަމަށެވެ.

"ރައްޔިތުން މަޖިލީހުގެ ބޮޑު އަގުލަބިއްޔަތުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އަނބުރާ އައްޔަނުކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތް ކަނޑާލުން. އެ ނަންތަކެއް އަނބުރާ ނުފޮނުވޭނެ" އެ ބަޔާނުގައިވެއެވެ.

އަދި ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން މީހަކު ބަންޑާރަނައިބުގެ ހައިސިއްޔަތާ އަމިއްލަ ޒާތީ ތައައްސުބުގެ ދެމެދުގައި ތާށިވެ ހުރެގެން، ގާނޫނުއަސާސީގެ އިންތަކާ މިންތަކުން ބޭރުން ގާނޫނީ ލަފަޔާއި ރައުޔުތައް ނެރި، ދައުލަތް ތަމްސީލެއް ނުކުރެވޭނެ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް ޑިމޮކްރެޓްސް އިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެ އަމަލުތައް ބަލައި ނުގަންނަ ކަމަށް ބުނެފައެވެ. އަދި ގާނޫނުއަސާސީގެ ހުރުމަތާއި، ދުނިޔޭގެ ޑިމޮކްރެޓިކް ހަމަތަކާއި، ގާނޫނީ ދައުލަތްތަކުގެ ނިޒާމުތައް ރޭވިފައި އޮންނަ އެންމެ އަސާސީ މަފްހޫމުތަކަށް ކުޑައިމީސް ނުކުރެއްވުމަށް ރައީސް އަށް އެ ޕާޓީން ވަނީ ހަނދުމަކޮށްދީފައެވެ.