ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑަވައިޒަރަކަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހްސިން އައްޔަން ކުރައްވައިފިއެވެ.

ރައީސްގެ އެޑްވައިޒަރަކަށް މުހުތާޒު އައްޔަންކުރައްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރޮގްރެސިވް ކޮންގްރެސްގެ މިޖިލިސް ޕްރައިމަރީގައި ދަނގެތި ދާއިރާއަށް ވާދަކުރައްވައި އޭނާ ނާކާމިޔާބުވެ ވަޑައިގެންފައި ވަނިކޮށެވެ.

މިއަދުގެ ވަގުތެއްގައި މުހުތާޒު އެ މަގާމަށް އައްޔަންކޮށްފައި ވާއިރު، އޭނާގެ މަގާމުގެ މަސްއޫލިއްޔަތަކީ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސްއަށް ބޭނުންފުޅުވެލައްވާ ލަފާތައް އެރުވުމުވެ.

މުހުތާޒު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު އަދާ ކުރައްވާފައެވެ.

މުހުތާޒު މި މަގާމަށް އައްޔަން ކުރުމާއެކު މިހާރު ރައީސް އޮފީހުގައި ރައީސްގެ 4 އެޑްވައިޒަރުން އެބަތިއްބެވެ. އެއީ މުހުތާޒުގެ އިތުރުން ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ، ޓްރޭޑް އެންޑް އިންވެސްޓްމަންޓުގެ ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓު މުހައްމަދު އަލީ ޖަނާހު އަދި ޓޫރިޒަމް ޑިވެލޮޕްމަންޓް އެޑްވައިޒަރު މުހައްމަދު ހަލީލެވެ.