އައްޑޫ ސިޓީގެ 4 އަވަށަކުން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށާ އެހެންނަމަވެސް ގޯތި ދޫކުރެވޭނެ ތާރީހެއް ބުނަން ދަތިކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ އިން ބަންޑާރަ ގޯއްޗަށް އެދި ހުޅުވާލި ފުރުސަތުގައި އެ ސިޓީގެ ހުރިހާ އަވަށަކުން ގިނަ އަދަދެއްގެ މީހުން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާކަމަށެވެ. އެހެންކަމުން ގޯތި ދޫކުރުމަށް ކަނޑައަޅާ އާންމުކޮށްފައިވާ އުސޫލުގެ ދަށުން އެކި މަރުހަލާގައި ކުރަންޖެހޭ މަސަައްކަތްތަކާ ބަލަންޖެހޭ ބެލުންތައް، ބެލުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ކުރަމުން ދާކަމަށެވެ.

މި ގޮތުން މިހާރު ކުރިއަށް ދާ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރަމުން ސިޓީ ކައުންސިލުން ބުނީ މިހާރު ކުރިއަށް ދަނީ ގޯތި ލިބޭ ފަރާތްތަކުގެ ތެރޭގައި ދެމަފިރިން ހިމެނޭހެން، އެ ދެމަފިރިންގެ ތެރެއިން ގޯތު ހަވާލު ކުރާނެ ފަރާތެއް އުސޫލެއްގެ ތެރެއިން ކަނޑައެޅުމުގެ މަސައްކަތްކަމަށެވެ. އަދި ގޯތި ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ އެއް އަވަށަށްވުރެ ގިނަ އަވަށުން ގޯތު ލިބުމުގެ ޝަރުތު ހަމަވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތައް އިހްތިޔާރުކުރާ އަވަށެއް ކަނޑައަޅުމާއި އިގްރާރުގައި ސޮއިކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެއް އަވަށަށްވުރެ ގިނަ އަވަށުން ގޯތި ލިބުނު ފަރާތްތައް އިހްތިޔާރުކުރާ އަވަށް ފިޔަވައި، ބާކީ ހުރި އަވަށްތަކުން އެ ފަރާތްތަކުގެ ނަންތައް އުނިކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މި މަސައްކަތް ނިމުމާއެކު ގުރުއަތު ލިސްޓު އާންމުކޮށް ގުރުއަތު ލުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް އައްޑޫ ސިޓީކައުންސިލުން ވަނީ ބުނެފައެވެ.އަދި ހުރިހާ ރައްޔިތުންނަށް އެންމެ އިންސާފުވެރިކޮށް ވީހާވެސް އަވަހަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ލިސްޓުގެ މަސައްކަތް ނިމުމާއެކު ގުރުއަތުލުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ އިން ގޯތި ދޫނުކުރާތާ 26 އަހަރު ފަހުން، 2023 ވަނަ އަހަރު ޖަނަވަރީ މަހު ގޯތި ދޫކުރުމަށް ހުޅުވާލާފައިވާއިރު، މިދިޔަ ހަފްތާތެރޭގައި ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް ސިޓީ ކައުންސިލުން ކުރިން ވަނީ ބުނެފައެވެ. އެހެންނަމަވެސް ގޯތި ދޫކުރުމަށް އިއުލާންކުރިއާ އެއް އަހަރު ވެގެން ދިޔައިރުވެސް މި މަސައްކަތް ނުނިމި ލަސްވުމާއި ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުމާއި ފާޑުކިޔުންތައް އައްޑޫ ސިޓީ ކައުންސިލަށް ވަނީ އަމާޒުވެފައެވެ.