ވަޒީރުންނަށް ރުހުން ދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އޮންނަ ޒިންމާއެއް ނަމަވެސް ސަރުކާރަށް ތާއީދު ކުރާ މެންބަރުން ވޯޓަށް ހުރަސް އެޅުމަކީ ޑިމޮކްރެޓިކް ޕްރޮސެސްއަށް ހުރަސް އެޅުން ކަމަށް އިދިކޮޅު މައި ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ވަޒީރުންނަށް ރުހުން ދިނުމަކީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއް ނަމަވެސް އެ ވޯޓު ނެގުމަށް ސަރުކާރު މެމްބަރުން ފުރުސަތު ނުދެނީ ޑިމޮކްރަޓިކް ޕްރޮސެސްއަށް ހުރަސް އެޅުމަށް ކަމަށެވެ.
އަދި މަޖިލިސް އިދާރާގެ މެންބަރުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަލާމަތީ ހިދުމަތްތަކުގެ ޒިންމާއެއްކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައި ވަނީ މެމްބަރުންނަށް އިންޒާރު ދީ ގްރީން ޒޯނުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މަޖިލީހުގެ ތެރެއަށް ގާ އުކާފައިވާއިރު ވެސް މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ހިދުމަތްތަކުން އެކަށީގެންވާ މަސައްކަތް ކުރަމުންނުދާ ކަމަށެވެ.
އަދި އެކަން ކުށްވެރިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް އެ ޕާޓީން ވަނީ ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.
"ސަރުކާރުގެ އިސްވެރިން އިންތިޒާމުކޮށްގެން ގްރީން ޒޯނުގައި މުޒާހަރާ ކުރަމުންދާއިރު, އެއްވެސް ފަރާތަކަށް ބެލުމެއް ނެތި, އެއީ ސަރުކާރުގެ އިސްވެރިންނަށް ވީ ނަމަވެސް ސަލާމަތީ ހިދުމަތްތަކުން ގާނޫނު ތަންފީޒު ކުރަން ޖެހޭނެ ކަމަށް މި ޕާޓީން ގަބޫލުކުރަން" ބަޔާނުގައި ވެއެވެ.
މައި އިދިކޮޅު އެމްޑީޕީގެ މެންބަރުން މިއަދު ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ބަންޑާރަނައިބު އަހްމަދު އުޝާމަށް ރުހުން ނުދިނުމަށް ނިންމައިފައެވެ. ޑިމޮކްރެޓުން ނިންމީ ހައިދަރާއި އުޝާމާއި ޝަހީމްގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދިނުމަށެވެ.
އެކަމާ ގުޅިގެން ބައެއް ޕީއެންސީ މެންބަރުންނާއި އިދިކޮޅު އެމްޑީޕީ މެންބަރުން މަޖިލީހުގެ ތަޅުމުގައި މާރާމާރީވެސް ހިންގާފައި ވެއެވެ. އަދި ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ބައެއް އާންމުން މަޖިލިސް އިދާރާ ބޭރުގައި މުޒާހަރާވެސް ކޮށްފައި ވެއެވެ.
ވަޒީރުންނަށް ރުހުންދިނުމަށްޓަކައި މިއަދު 1:30 ގައި ވޯޓަށް އަހަން ތާވަލުކޮށްފައި އޮތް ނަމަވެސް، އިދިކޮޅުގެ ނިންމުމާ ގުޅިގެން ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މެންބަރުން ވޯޓަށް ހުރަސްއަޅާފައި ވާތީ ވޯޓަށް އެހޭ ގޮތް އަދި ވަނީ ނުވެފައެވެ. ސަރުކާރަށް ތާއީދު ކުރާ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމަށް މެމްބަރުން ވަނުން މަނާކޮށް ތަޅުމުގެ ދޮރުތަކުގައި ތަޅު އަޅުވާފައެވެ.