އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ޑިމޮކްރެޓުންގެ މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން، ސަރުކާރުގެ ބައެއް އިސްވެރިންނާއި ސަރުކާރަށް ތާއީދުކުރާ ބައެއް މެންބަރުން އިހްތިޖާޖުކުރަމުން އެބަ ދެއެވެ.

ވަޒީރުންނަށް ރުހުންދިނުމަށްޓަކައި މިއަދު 1:30 ގައި ވޯޓަށް އަހަން ތާވަލުކޮށްފައި އޮތް ނަމަވެސް، އިދިކޮޅުގެ ނިންމުމާ ގުޅިގެން ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މެންބަރުން ވޯޓަށް ހުރަސްއަޅާފައި ވާތީ ވޯޓަށް އެހޭ ގޮތް އަދި ވަނީ ނުވެފައެވެ. އިދިކޮޅުގެ ނިންމުމާ ގުޅިގެން، ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ބައެއް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީންގެ އިތުރުން ސަރުކާރަށް ތާއީދުކުރާ ބައެއް މީހުން ގެންދަނީ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި އިހްތިޖާޖުކުރަމުންނެވެ.

https://fb.watch/pRRRtOhI3H/

އިހްތިޖާޖުގެ ބައިވެރިން ގެންދަނީ ވަޒީރުންނަށް ރުހުންދިނުމަށާއި ސަރުކާރު ހިންގުމަށާއި ތަރައްގީ އަށް ހުރަސް ނޭޅުމަށާއި އެމްޑީޕީ އާއި ޑިމޮކްރެޓުންގެ މެންބަރުންގެ އިސްތިއުފާ އަށް ގޮވަމުންނެވެ. ބައެއް މީހުން ގެންދަނީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މަގާމުން އިސްތިއުފާދެއްވުމަށް ވެސް ގޮވާލަމުންނެވެ.

މައި އިދިކޮޅު އެމްޑީޕީގެ މެންބަރުން މިއަދު ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ބަންޑާރަނައިބު އަހްމަދު އުޝާމަށް ރުހުން ނުދިނުމަށް ނިންމައިފައެވެ. ޑިމޮކްރެޓުން ނިންމީ ހައިދަރާއި އުޝާމާއި ޝަހީމްގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދިނުމަށެވެ.

ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެންބަރުން މިއަދު ވަނީ ރައީސް އައްޔަނުކުރެއްވި ވަޒީރުންނަށް ރުހުންދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވެ، ވަޒީރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަނަމަ ރުހުން ނުދެއްވަންވީ ސަބަބަކީ ކޮބައިތޯ ސުވާލު އުފައްދަވައިފައެވެ.