ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓު ދޭނެ މީހުން، އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ކަނޑައަޅައިފިއެވެ.

މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ނިންމާފައިވާ ހަތަރު ދާއިރާއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ މީހުންގެ ތެރެއިން ޓިކެޓު ދޭނިމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވަނީ

1- މަކުނުދޫ ދާއިރާ - ޝެއިހް އިމްރާން އަބްދުﷲ

2- ވައިކަރަދޫ ދާއިރާ - ހުސައިން ސަގީފް

3- ފުނަދޫ ދާއިރާ - އިސްމާއީލް ހަމީދު

4- އިނގުރައިދޫ ދާއިރާ - އިސްމާއީލް އަލީ

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީގެ އެއްވެސް މެންބަރަކު ނެތެވެ. އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިމެނޭ ގޮތަށް 4 މެންބަރަކަށް ޓިކެޓް ދޭން ނިންމާފައިވާއިރު، އެ ޕާޓީއިން ކެންޑިޑޭޓުން ކަނޑައެޅުމުގައި ބަލާފައި ކަންތައްތަކަކީ ކޮބައިކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ފޯރިގަދަވެފައިވާއިރު، ވެރިކަންކުރާ ކޯލިޝަނުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އިއްޔެ ވަނީ ޕްރައިމަރީއެއް ބާއްވާފައެވެ. އަދި އަދިކޮޅު އެމްޑީޕީ އިން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ފެބްރުއަރީ 03 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން އަންނަނީ ތައްޔާރުވަމުންނެވެ.