މިއަދު ކުރިއަށްދާ ޕީޕީއެމް/ ޕީއެންސީ މަޖިލިސް ޕްރައިމަރީގެ ވޯޓާ ގުޅިގެން، މާލޭގައި ވޯޓުލުން ކުރިއަށް ދާ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހެންވޭރު ދަނޑު ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. މިގޮތުން މަޖީދީ މަގު އިރުން ހުޅަނގަށް ހަތަރު ފުރޮޅުލީ އުޅަނދަށް ނުވަދެވޭގޮތަށް ޖަނަވަރީ މަގާ ހަމައަށް ބަންދުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.

ޕީޕީއެމް، ޕީއެންސީން މިއަދު ބާއްވާ ޕްރައިމަރީގައި ބައެއް މަރުކަޒުތަކުގައި ހަމަނުޖެހުންތައް ހިނގާފައިވާއިރު، މި އިންތިހާބު ސުލްހަވެރިކަމާ އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ޕީޕީއެމް، ޕީއެންސީގެ ޕްރައިމަރީ ބާއްވަން ތައްޔާރުވެފައި ވަނިކޮށް، ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލުކުރި މައްސަލަ ފެންމަތިވެ، އެކަމާއި ގުޅިގެންވެސް ވަނީ ގިނަ ހަމަނުޖެހުންތަކެއް ހިނގާފައެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ ޕްރައިމަރީއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، މި އިންތިހާބުގައި 73 ދާއިރާއަކުން 71،597 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.