އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި، އޮސްޓްރޭލިއާގެ ގަވަރުނަރު، ޖެނެރަލް ޑޭވިޑް ޖޯން ހާލީއަށާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް އެމްޕީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް އެ ދެބޭފުޅުންނަށް ތަހުނިޔާ ފޮނުއްވާފައި ވަނީ ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރުގެ ނަމުގައެވެ.

އެމަނިކުފާނުގެ މެސެޖުގައި ވޭތުވެދިޔަ ފަންސާސް އަހަރު ދުވަހުގެ ތެރޭގައި އޮސްޓްރޭލިއާއިން ރާއްޖެއަށް ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާފައި ވެއެވެ.

އަދި ހަމައެހެންމެ އޮސްޓްރޭލިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ލިބޭނެ ކަމަށް އުންމީދުކުރައްވާކަމަށް ރައީސްގެ މެސެޖުގައި ބަޔާން ކުރައްވާފައިވެއެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1974 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އަދި މިއަހަރަކީ ދެ ގައުމުގެ ގުޅުމަށް ރަންޔޫބީލް ފުރުން ފާހަގަކުރާ އަހަރެވެ.

ދާދިފަހުން ރާއްޖޭގައި ވަނީ އޮސްޓްރޭލިއާގެ ހައިކޮމިޝަނެއްވެސް ގާއިމްކޮށްފައެވެ. އަދި ހަމައެހެންމެ ދާދިފަހުން އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖަސެޕް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

އެގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަން، ނަފްސާނީ ދުޅަހެޔޮކަން، އިންސާނީ ވަސީލަތްތައް ތަރައްގީކުރުން، ތައުލީމު، ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ދޭދޭ އަދި ބައިނަލްއަގްވާމީ ގުޅުންތައް ބަދަހިކުރުންމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައް ފަދަ މުހިންމު މައްސަލަތައް ހިމެނެއެވެ.