އާ ވަޒީރުން މަގާމުތަކާ ހަވާލުވިއިރު، ވުޒާރާތަކުގައި ހުރި ދަރަނިތައް އަދާކުރަމުންދާ ކަމަށް، ބައެއް ވަޒީރުން ރޭ ވިދާޅުވެއްޖެއެވެ.

އެ ވަޒީރުން މިކަން ހާމަކުރެއްވީ، ސަރުކާރުގެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ރޭ ފެށި 'އަހާ' ފޯރަމްގެ ތެރެއިން، ވަޒީރުން ތައާރަފެއް ދެއްވަން ދިން ފުރުސަތުގައެވެ.

މިގޮތުން އެ ފުރުސަތުގައި ވާހަކަ ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، އެ ވުޒާރާގެ ދަރަނީގެ ގޮތުގައި 27 މިލިއަން ރުފިޔާ އޮތް ކަމަށާއި، ވެރިކަމުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ދަރަނި އަދާކުރުމަށްޓަކައި ފައިސާ ހަމަޖައްސަވައި، ދަރަނި ދައްކަވާފައިވާ ކަމަށެވެ.

އެހެންކަމުން، މިސްކިތްތައް މަރާމާތުކޮށް އާ މިސްކިތްތައް ބިނާކުރުން ފަދަ މަޝްރޫއުތަކުގެ ތެރެއިން ހުއްޓިފައިވާ ހުރިހާ މަޝްރޫއުތައް ހިންގާ ކުންފުނިތަކަށް މިހާރު ލާރި ދެއްކިފައިވާ ކަމަށް ވިދާޅުވެ، ލަސްތަކެއް ނުވެ އެ މަޝްރޫއުތައް ނިމި، އެ ތަންތަނުން ހިދުމަތް ލިބެން ފެށޭނެ ކަމުގެ ޔަގީންކަން ޝަހީމް ދެއްވިއެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، ވެރިކަމާ ހަވާލުވިއިރު އެ ވުޒާރާގެ ދަރަނީގެ ގޮތުގައި 160 މިލިއަން ރުފިޔާ އޮތް ކަމަށާއި، މިދިޔަ ދެ މަސްދުވަހު ކުރެވުނު މަސައްކަތުން 125 މިލިއަން ރުފިޔާ މިހާރު ދައްކަވާފައިވާ ކަމަށެވެ.

ރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ، ސަރުކާރުން މިހާރު ކުރަމުންދާ ބައެއް މަސައްކަތްތަކަށާއި ކުރިއަށް ރާވާފައި ހުރި ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވައި، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް އަލިއަޅުވާލައްވައިފައެވެ.