ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑަށް ސަރުކާރުން އައްޔަން ކޮށްފައިވާ 5 ޑިރެކްޓަރުން ވަކި ކޮށްފިއެވެ.

މި 5 ބޭފުޅުންނަކީވެސް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ބީއެމްއެލްގެ ބޯޑުގައި ސަރުކާރު ތަމްސީލްކުރަން އައްޔަން ކޮށްފައިވާ ތިބި ފަރާތްތަކެއްކަން ފާހަގަ ކޮށްލެވެއެވެ.

އެކަން ޔަގީން ކޮށްދެއްވާ ގައުމީ ބޭންކުން ބުނީ، ބޭންކުގެ ނޮން އެގްޒެކްޓިވް މެންބަރުން ވަކި ކުރިކަމަށް ޕީސީބީ އިން އެ ބޭންކަށް އަންގާފައިވާ ކަމަށާއި ނަމަވެސް އޭގެ ސަބަބުން ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތަކަށް އެއްވެސް މެދުކެނޑުމެއް ނާންނާނެ ކަމަށެވެ.

މަގާމުން ވަކިކުރި ޑިރެކްޓަރުންނަކީ:

  • ޔޫޝައު ސައީދު - ޗެއާމާން
  • ޖުވޭރިޔާ ސައީދު
  • އަބްދުﷲ ހަސަން
  • އައިޝަތު ސަޖުނީ
  • އަބްދުﷲ ހުޝާމް ޝަރީފް

ބީއެމްއެލްގެ އަސާސީ ގަވާއިދު ބުނާގޮތުން ބޯޑުގައި ހިމެނޭ މަގާމެއް ހުސްވެފައިވީ ނަމަވެސް ބޯޑުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. ނަމަވެސް ޑިރެކްޓަރުންގެ އަދަދު 8 އަށްވުރެ މަދުވެއްޖެނަމަ ނުވަތަ އިންތިހާބު ކޮށްފައިވާ ޑިރެކްޓަރުންގެ އަދަދު 2 އަކަށްވުރެ މަދުވެއްޖެނަމަ ކުއްލި ހާލަތެއްގައި މެނުވީ ބޯޑުން އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ.

އަދި ހަމައެހެންމެ އަސާސީ ގަވާއިދުގެ 57 ވަނަ މާއްދާގެ ބ. ގައި ބަޔާންކޮށްފައިވާ ގޮތުން އާންމު ހިއްސާދާރުންގެ ހާއްސަ ޖަލްސާއެއްގައި ބައްދަލުވުމަށް ހާޒިރުވެފައި ތިބި އާންމު ހިއްސާދާރުންގެ 51 ޕަސެންޓް އިން، އިންތިހާބު ކޮށްފައިވާ ޑިރެކްޓަރުން ވަކި ކުރެވިދާނެއެވެ. ނަމަވެސް ޕީސީބީގެ މި ނިންމުމާއެކު ގާނޫނީ އަދަދު ގެއްލި ރާއްޖޭގެ އެންމެ ބޮޑު އެއް މާލީ އިދާރާ މިވަނީ ގާނޫނީ ގޮތުން ހުއްޓުމަކަށް އައިސްފައެވެ.

51 ޕަސެންޓާއެކު ބީއެމްއެލްގެ މައި ހިއްސާދާރަކީ ސަރުކާރު ކަމަށްވާއިރު އޮންނަ އިޖުރާއަތްތަކުގެ ތެރެއިން ފިޔަވަޅު އެޅުމުގެ ފުރުސަތު ސަރުކާރަށް އޮންނައިރު މިފަދަ ފިޔަވަޅެއް ސަރުކާރުން އެޅީ ޑިރެކްޓަރުންގެ ފަރާތުން ސަރުކާރަށް ލިބެންވާ އެއްބާރުލުން ނުލިބުމުން ކަމަށް ބެލެވެއެވެ.

އެގޮތުން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދިވެހިންގެ ކާޑު ލިމިޓް 1200 އަށް ބޮޑުކުރަން ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން ތަންފީޒު ކުރަން ބީއެމްއެލްއިން ދެކޮޅު ހަދާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

އަދި ހަމައެހެންމެ ބޭންކަށް ޑޮލަރު ލިބުން ތާށިވެ މި މަހުގެ ކުރީކޮޅުން ފެށިގެން ވިޔަފާރިވެރިން ބޭރު ގައުމުތަކަށް ކުރާ ޓީޓީތަކަށް ދެމުން އައި ޑޮލަރު ހުއްޓާލާފައި ވާއިރު އެކަމާ ވިޔަފާރި ވެރިންވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.