މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެއް ހަފުތާގެ ނިޔަލަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން ހޭދަވީ 2.43 މިލިއަން ރުފިޔާ ކަމަށް، ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ، ޗައިނާ އަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ކެއުމާއި ހުރުން ހަމަޖައްސައިދިނީ ޗައިނާ ސަރުކާރުން ކަމަށެވެ.
މިއަދު ރައީސް އޮފީހުން ހާމަކުރި މައުލޫމާތަށް ބަލާއިރު، އެމަނިކުފާނާއި ސަރުކާރުގެ އިސް ބޭފުޅުން ޗައިނާ އަށް ވަޑައިގަތީ ސިންގަޕޫރުގެ މަގުންނެވެ. އަދި އެނބުރި ރާއްޖެ ވަޑައިގަތީ ދުބާއީ މަގުންނެވެ. އެ އޮފީހުން ހާމަކުރި މައުލޫމާތަށް ބަލާއިރު، ދަތުރުގެ ޓިކެޓަށް ދައުލަތުގެ ބަޖެޓުން ދެ މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އެއީ:
- ބިޒްނަސް ކްލާސް - މާލެ / ސިންގަޕޫރު / ޒިއަމެން (ތިން ޓިކެޓު): 185،826.42ރ
- އިކޮނޮމީ ކްލާސް - މާލެ / ސިންގަޕޫރު / ޒިއަމެން (27 ޓިކެޓު): 676،552.50ރ
- ބިޒްނަސް ކްލާސް - ބެއިޖިން / ދުބާއީ / މާލެ (10 ޓިކެޓު): 904،383ރ
- އިކޮނޮމީ ކްލާސް - ބެއިޖިން / ދުބާއީ / މާލެ (19 ޓިކެޓު): 253،720.68ރ
މީގެ އިތުރުން އެ ދަތުރުފުޅުގެ އިތުރު ހަރަދުތަކަށް ބަލާލާއިރު:
- 30 މީހުންގެ ޕޮކެޓް މަނީ: 300،495ރ
- ދިވެހީންނާ ބައްދަލުކުރުމަށް ބޭއްވި އިވެންޓު: 3،374.79ރ
- ސިމްކާޑާއި ވީޕީއެންގެ ހަރަދު: 14،341.69ރ
- އިންސިޑެންޓަލް ހަރަދު: 89،419.85ރ
މިދިޔަ މަހުގެ ކުރީކޮޅު ރައީސް އޮފީހުން ވަނީ، ރައީސްގެ އެދިވަޑައިގަތުމުގެ މަތިން، އެމަނިކުފާނާއި ނައިބު ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ މައުލޫމާތު، ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި އާންމުކުރާނެ ކަން ހާމަކޮށްފައެވެ.