އިދިކޮޅުގައި އޮތް ސިޔާސީ ދެ ޕާޓީ ކަމަށް ވާ އެމްޑީޕީ އައި ޑިމޮކްރެޓްސް އެކުވެގެން މި ސަރުކާރު ވައްތާލަން ގާނޫނަށް އިސްލާހު ގެންނަން މަސައްކަތް ކުރިއަށް އެކަމެއް ނުކުރެވޭނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސްގެ އިސް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިއަދު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، އިދިކޮޅުން މަސައްކަތް ކުރަމުން އެ ދަނީ މި ސަރުކާރު ހުއްޓުވުމަކަށް ގެންނަން ކަމަށެވެ. މި ސަރުކާރަކީ ބަލިކަށީ ސަރުކާރެއް ގޮތުގައި ހީނުކުރުމަށާއި ސަރުކާރު ހުއްޓުމަކަށް ނުގެނެވޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި އަދުރޭ ފާހަގަ ކުރެއްވީ މި ސަރުކާރަކީ ރައްޔިތުންގެ ތަނަވަސް އަޣުލަބިއްޔަތުން ގެނައި ސަރުކާރެއް ކަމަށާއި އެމްޑީޕީއަށް ވެރިކަން ކުރަން ނޭނގޭ ކަމަށް ނިންމީ ރައްޔިތުން ކަމަށެވެ.
އެހެންކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތް ބަންނަން ކުރާ މަސައްކަތަށް ތާއީދޫ ނުކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސީ މަގާމުތައް ލިމިޓް ކުރުމަށް އެފަދަ ލިމިޓެއް ކަނޑައެޅިޔަސް ރައީސުލްޖުމްހޫރިއްޔާއަކަށް ގާނޫނު އަސާސީގެ ދަށުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރުމުގެ ބާރު އޮންނާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރުގައި ގާނޫނަށް ބަދަލު ގެނެސް އެކަން ނުކުރީ ކީއްވެގެންތޯ އަދުރޭ ސުވާލު ކުރެއްވިއެވެ. މީގެ އިތުރުން މަޖިލީހުގެ އަދަދު ލިމިޓު ކުރުމަކީ އިދިކޮޅުގެ ވިސްނުމެއް ނޫން ކަމަށާއި އެއީ ޕީޕީއެމް/ޕީއެންސީގެ ވިސްނުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން ހުށަހަޅަން ނިންމާފައި ވަނީ ހަތަރު ކަމަކެވެ. އެއީ, މަޖިލިސް މެންބަރުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ފުރިހަމައަށް ރެގިއުލޭޓް ކުރުމާއި ގާނޫނުތައް އިސްލާހުކުރުމާއި ސަރުކާރުން ސިޔާސީ މަގާމުތައް އުފެއްދުން ލިމިޓް ކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައަށް ފަހު ބޭއްވުމެވެ.