ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގައި ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ދެ ޕާޓީން އެކުގައި މަސައްކަތް ކުރުމަށް އެމްޑީޕީ އާއި ޑިމޮކްރަޓުން އެއްބަސްވެއްޖެއެވެ.

ދެ ޕާޓީން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، މި ސަރުކާރުގެ އަމަލުތަކާ މެދު ގިނަ ކަންބޮޑުވުން ތަކެއް އެބަ ހުރި ކަމަށެވެ. އަދި ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިއްޖެނަމަ ވަރަށް ގިނަ ހައްގުތަކެއް ހިފަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެ ޕާޓީގެވެސް ހުރީ އެއް ކަންބޮޑުވުންތަކެއްކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ ދެ ޕާޓީން ގުޅިގެން ނިންމީ އެ ކަންކަން މޮނިޓާކޮށް ޒިންމާދާރު އޮޕޮޒިޝަނެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާއި ދަ ޑިމޮކްރެޓްސް މިކަންކަމުގެ ކަންބޮޑުވުން އޮތުމުގެ ސަބަބުން އަޅުގަނޑުމެން މި ނިންމީ މި ކަންކަން މޮނިޓާކޮށް، އަޅުގަނޑުމެން ޒިންމާދާރު އޮޕޮޒިޝަނެއްގެ ހައިސިއްޔަތުން މި ސަރުކާރު ޖަވާބުދާރީ ކުރުމާއި ހަންމަތަކުރުމާއި އެއާ އެއްކޮށް ގައުމުގެ މުސްތަގުބަލާއި ޑިމޮކްރެޓިކް މުސްތަގުބަލު ރަނގަޅުކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލިސްގެ ތެރެއިން ކުރުމަށް، މަޖިލިސްގެ ތެރޭގައި އަޅުގަނޑުމެން އެއްކޮށް މަސައްކަތް ކުރުމަށް،"
ފައްޔާޒް

މި ސަރުކާރުގައި ސިޔާސީ ބޭފުޅުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާ ކަން ފާހަގަ ކުރައްވާ ޑިމޮކްރަޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުވަން ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރެވޭނެ އަދަދާއި މަޖިލިސް މެންބަރުންގެ އަދަދު ލިމިޓުކުރަން ހުށަހަޅާނެ ކަމަށެވެ.

އަދި މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރަމުންދަނީ ދިވެހިންނަށް ގެއްލުންވާ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "އެންމެ ބޮޑަށް މި ސަރުކާރާ މެދު ކަންބޮޑުވާ ކަމަކީ ވަރަށް ނުރަނގަޅު ގޮތަކަށް މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށް، ބޮޑު ބާރަކާއި ރާއްޖޭގެ ސިޔާސަތު ޖެހޭގޮތަށް އަދި ޖެހިގަންނަ ގޮތަށް ބައްޓަން ކުރަމުންދާތީ އަދި އެގޮތަށް އަމަލު ކުރަމުންދާތީ." ހަސަން ލަތީފް ވިދާޅުވިއެވެ.