ފުވައްމުލައް ސިޓީގެ ކަރަންޓުގެ މައްސަލަ ޙައްލުކުރެއްވުމަށް 1200 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފުވައްމުލަކުގައި ހުރި ޖަނަރޭޓަރ ސެޓް ހަލާކުވެ އެރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެ ކުންފުނިން މިހާރު ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފުވައްމުލައް ސިޓީއަށް ކަރަންޓް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ އިންޖީނެއް ހަލާކުވުމުގެ ސަބަބުން މުޅި ރަށުގެ ލޯޑު ހިފެހެއްޓޭ ވަރަށް ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ މިވަގުތަށް ދަށްވެފައިވާކަމަށެވެ. އެހެންކަމުން އެކި ސަރަހައްދުތަކުން، ޝެޑިއުލްކޮށް ކަރަންޓް ކަނޑަށް ޖެހިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ކުންފުނިން މިވަގުތު މަސައްކަތް ކުރަމުންދަނީ މިކަމަށް އެންމެ އެދެވޭ ޙައްލެއް ގެނައުމަށްކަން ފާހަގަކުރަމުން ސްޓެލްކޯ އިން ބުނީ އެމަޖެންސީ ޕްރޮކުއަމަންޓްގެ ދަށުން 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެ ގޮތުން އެ ކުންފުނިން ހިދުމަތްދޭ އެހެން ރަށެއްގައި އިންސްޓޯލް ނުކޮށްހުރި 800 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ފުވައްމުލައް ސިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރެވޭތޯ ބަލަމުންދާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރަށްރަށުގެ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން އެންމެ އަވަހަށް ޖަނަރޭޓަރތައް ހޯދުމަށް ރޭވިފައިވާ ރަށްރަށުގެ ތެރޭގައި ފުވައްލުއް ސިޓީ ހިމެނެއެވެ. މި ގޮތުން 1200 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއް ހޯދުމަށް ހިމަނާފައިވާކަމަށް ސްޓެލްކޯ އިން ބުންޏެވެ.
މީގެއިތުރުން ސްޓެލްކޯ އިން ބުނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޖަނަރޭޓަރ ސެޓްތަކުގެ މެއިންޓަނެންސްއަށް އަހައްމިއްޔަތު ކަމެއް ދެވިފައި ނުވުމުގެ ސަބަބުން ވަރަށް ގިނަ ޖަނަރޭޓަރ ސެޓުތަކުގެ ހާލަތު ދަށްވެފައިވާކަމަށެވެ. ސްޓެލްކޯއިން ހަލާކުވި ޖަނަރޭޓަރ ސެޓް ހިންގާތާ 30،000 ގަޑިއިރު ހަމަވިއިރު އެއްވެސް މޭޖަރ އޯވަހޯލް އެއް ކޮށްފައި ނުވާކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.