ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް އަލުން ޑޮލަރު ޖަމާކުރަން ފަށައިފިއެވެ.

މިއީ މި ސަރުކާރުގެ 14 ހަފްތާގެ ތެރޭގައި ކުރުމަށް އަމާޒުކޮށްފައިވާ ކަމެއް ކަމަށްވާއިރު މިކަން ވަނީ މި ސަރުކާރުގެ 9 ހަފްތާގެ ތެރޭގައި ކާމިޔާބުކޮށްފައެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުކޮށް ކޮޅަށް ޖެހުމަށްޓަކައި ލޯންތައް ރިފައިނޭންސް ކުރުމާއި، އެސްޑީއެފް އަށް ޑޮލަރު ޖަމާކު ކުރެއްވުމަކީ މުހިންމު 2 ކަންތައް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި ހުރި ޑޮލަރު މިދިޔަ ސަރުކާރުން ނަގާ އެއަށް ރުފިޔާ ލުމަށްފަހު އެ ރުފިޔާވެސް ބޭނުން ކުރަމުން ގެންދާ ކަމަށެވެ. އަދި ގާނޫނެއް ހަދައިގެން ގާނޫނީ ބާރުވެރިކަމާއެކު އެސްޑީއެފް ހިމާޔަތް ކޮށް، އެއާޕޯޓަށް ލިބޭ ޑޮލަރާއި ޓޫރިޒަމަށް ލިބޭ ޑޮލަރު އިތުރު ކޮށް އެސްޑީއެފްއަކީ މަހުން މަހަށް އާމްދަނީ ޖަމާވާ ފަންޑަކަށް ހައްދަވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެސްޑީއެފްއަކީ ހާއްސަކޮށް ލޯނު ދެއްކުމަށް 2015 ވަނަ އަހަރު ތައާރަފު ކުރި ސޭވިން ފަންޑެކެވެ. 2018 ނިމުނު އިރު އެ ފްންޑުގައި 250 މިލިއަން ޑޮލަރު ހުއްޓެވެ.

މުއިއްޒު ވިދާޅުވީ އޭރުން ރިޒާމް ކުރެވިފައި ހުންނާނީ ޑޮލަރު ކަމަށާއި 2026 އާ ހަމައަށް ދާންވާއިރަށް ދަރަނި މެނޭޖް ކޮށް، ރާއްޖޭގެ ކްރެޑިޓް ރޭޓިން 2016 ގައި ހުރި ހިސާބަށް ގެންދަން ބޭނުންވެ ވަޑައިގަންނަވާ ކަމަށާއި އަމާޒަކީ އެ ހިސާބަށް ދެވުން ކަމަށެވެ. އަދި ދަރަނި ދެއްކުމަށް ކްރެޑިޓް ރޭޑް މަތިކޮށް، އިންވެސްޓާ ކޮންފިޑެންސް އަނބުރާ ހޯދާ، ލޯނުތައް ރީފައިނޭންސް ކުރެވިގެން ދިއުމުން ލޯނު ދެއްކުމުގައި އުނދަގުލެއް ނުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.