މި ސަރުކާރުން އައްޑޫ ސިޓީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 'އައްޑޫ ސިޓީ ބްރިޖުގެ' މަސައްކަތަށް މިސްރުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

އައްޑޫ ބްރިޖުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މިސްރުގެ "ދަ އަރަބް ކޮންޓްރެކްޓާސް" ކުންފުނިންނެވެ. ނާޒިމް ވިދާޅުވީ މިދިޔަ ހަފްތާގައި ބޭއްވި އިކޮނޮމިކް ކައުންސިލް ބައްދަލުވުމުގައި ދަ އަރަބް ކޮންޓްރެކްޓާސް އިން ހުށަހަޅާފައިވާ ޕްރޮޕޯސަލާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާކަމަށެވެ.

މިގޮތުން އައްޑޫ ބްރިޖާއި ގުޅިގެން ކުރަންޖެހޭ ސާވޭތައް އެ ކުންފުނިން ހިލޭ ސާބަހަށް ކޮށްދޭނެ ކަމުގެ އިޝާރާތެއްކޮށްފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ކޮށްދޭން އެ ކުންފުނިން ތައްޔާރަށް ތިބި ކަމުގައިވާނަމަ އެކަން އެ ކުންފުނި މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް އިކޮނޮމިކް ކައުންސިލުން އެއްބަސްވެފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުދޫމީދު ގުޅާލަދޭ ބްރިޖުގެ މަސައްކަތަށް ބޭނުންވާ ސާވޭކުރުމަށް، މި އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ހިމަނާފައިވާއިރު މިއީ މި ސަރުކާރުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ވައުދުވެފައިވާ އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއާ ގުޅޭގޮތުން މީގެ ކުރިން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އައްޑޫ ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ފީޒިބިލިޓީ އާއި ޑިޒައިންގެ މަސައްކަތް ކުރުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެކަމަށެވެ.