ގއ. ވިލިނގިލިން މާލެ އަށް ގެނެސް ފަރުވާ ދެމުން ދަނިކޮށް ނިޔާވި އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ހާލިދު މާލެ ގެނައުން ލަސްވި ސަބަބު އޮޅުންފިލުވުމަށްޓަކައި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ސުވާލުކުރުމަށް، މަޖިލީހުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.
އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ މެންބަރު އަދި އެ ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ވިދާޅުވީ، މިހާތަނަށް ކޮމިޓީ އަށް ލިބިފައިވާ މައުލޫމާތު ލިބިފައިވާ ގޮތުން ޖާހު މާލެ ގެނައުން ލަސްވެފައި ވަނީ އެމަޖެންސީ އިވެކުއޭޝަންގެ މުއްދަތު ލަސްވެ އެކަމަށް އެޓެންޑުކުރެވުނުލެއް ލަސްވުމުން ކަމަށެވެ.
މި މައްސަލައިގައި ކޮމިޓީ އަށް ސަރުކާރުގެ އިސް ބޭފުޅުން ހާޒިރުކުރައްވައި އިންކުއަރީ އެއް ހަދަން ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީއެވެ. ރާއީގެ ހުށަހެޅުމަށް ތާއީދުކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ގަބޫލުކުރައްވާ ގޮތުގައި މި މައްސަލައިގައި ކަމާ ގުޅުންހުރި ވުޒާރާތަކުގެ ވަޒީރުން ހާޒިރުކުރަން ޖެހޭނެއެވެ.
ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ރާއީގެ ހުށަހެޅުން ފާސްކޮށް، އިންކުއަރީ ހެދުމަށްޓަކައި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ވެރިން ހާޒިރުކޮށް ސުވާލުކުރަން ނިންމައިފައެވެ.
ކޮމިޓީގެ ބައްދަލުވުން ނިންމަވާލައްވަމުން ޖީހާން ވިދާޅުވީ، ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީގައި އިސްކަން ދޭނެ އެއް ކަމަކީ އެމަޖެންސީ އިވެކުއޭޝަންތަކުގައި އަމަލުކުރާނެ އުސޫލެއް ކަނޑައަޅާފައިވޭތޯ ބެލުމަށް ކަމަށެވެ.
މި މައްސަލައިގައި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވަނީ ޖާހު ނިޔާވި މައްސަލަ މަޖިލީހުން ބެލުމަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ.
ޖާހުގެ ހާލު ބޮޑުވެ، މާލެ އަށް ގެނައުން ލަސްވި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ޑޯނިއާ ބޯޓު ބޭނުންނުކުރި ސަބަބާއި ގައުމީ އެއާލައިން މޯލްޑިވިއަނުން ވަގުތުން ފްލައިޓެއް ހަމަނުޖެއްސުނީ ކީއްވެތޯ ގިނަ މީހުން ސުވާލު އުފައްދާފައިވެއެވެ. އެކަމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އިއްޔެ ވިދާޅުވީ، މީގެ ތިން އަހަރު ކުރިން ފެށިގެން، ގިނަ ބަލިމީހުން އުފުލުމުގެ މަސައްކަތްކޮށްފައި ވަނީ މޯލްޑިވިއަން މެދުވެރިކޮށް ކަމަށާއި، ބަލިމީހުން އުފުލުމަށްޓަކައި ރައީސްގެ ހުއްދައަށް ކޮންމެހެން އެދެން ނުޖެހޭނެ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، އިއްޔެއިން ފެށިގެން މޯލްޑިވިއަންގެ އުސޫލަށް ބަދަލު ގެނެސް، އެމަޖެންސީ ކޭހެއް އަތުވެޖެނަމަ، ބަލިމީހާ އުފުލުމަށް އިސްކަންދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ޖާހު މާލެ އަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު އެމަނިކުފާނަށް ދެއްވުމަށާއި، މިފަދަ ހާދިސާއެއް ދެވަނަ ފަހަރަށް ތަކުރާރުނުވާނެ ގޮތަށް ބަލި މީހުން ކުއްލި ފަރުވާ އަށް ގެނެސްދިނުމުގައި އަމަލުކުރަމުންދާ ނިޒާމު އިސްލާހުކުރުމަށް، ކަމާ ގުޅުންހުރި އިދާރާތަކަށް އިއްޔެ އަންގަވައިފައެވެ.
އަދި އާސަންދަ އިން ވަނީ ޖާހު މާލެ ގެނައުން ލަސްވި ސަބަބު ހާމަކޮށް ރޭގެ ވަގުތެއްގައި ބަޔާނެއް ވެސް ނެރެފައެވެ.