ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތާ އެއްގޮތުގެ މަތިން ހުރިހާ ގައުމަކާ ވެސް ހަމަހަމަ ގުޅުމެއް ބާއްވާނެ ކަމުގެ ޔަގީންކަން އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑަރު، އެޑްމިރަލް ޖޯން އެކުއިލީނޯއަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ދެއްވައިފިއެވެ.

އެޑްމިރަލް ޖޯން އެކުއިލީނޯ އާ ބައްދަލުކުރައްވާ ޣައްސާން ވަނީ ރާއްޖެއާއި އެމެރިކާ އާ ދެމެދު ދިފާއީ ގޮތުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރައްވާފައެވެ.

އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯ މިއަދު ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ބައްދަލުކުރައްވަނީ.

މި މަޝްވަރާތަކުގައި ހުރިހާ ގައުމަކާއެކު ވަކި ކޮޅަކަށް ބުރަނުވާ ރަހުމަތްތެރި ގުޅުމެއް ބާއްވާނެކަމުގެ ޔަގީންކަންވެސް ދެއްވާފައި ވެއެވެ.

ޣައްސާންގެ އިތުރުން އެކުއިލީނޯ މިއަދު ވަނީ ޑރ. މުހައްމަދު މުއިއްޒުއާ ވެސް ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ދިވެހި ސިފައިންނަށް ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދީ، ގާބިލުކަން އިތުރުކުރުމަށް އެމެރިކާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

އަދި ހަމައެހެންމެ ރާއްޖޭގެ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ އިތުރުން އްޖޭގެ އިސްތިގްލާލު ދެމެހެއްޓުމުގައި، އަމަން އަމާންކަން ދެމެހެއްޓުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންވެސް އެކުއިލީނޯ ވަނީ ދެއްވާފައެވެ.