ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ކޮމާންޑަރު ވަނީ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން އެކަމަށްޓަކައި ރައީސް މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމާ ގުޅޭގޮތުން ކޮމާންޑަރު ވަނީ ވާހަކަދައްކަވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ވަސީލަތްތައް ބިނާކުރުމާއި އަދި ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ބޭފުޅުން ތަމްރީނުކުރުމަށް އެމެރިކާ ސަރުކާރުން ވެދެއްވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

ކޮމާންޑަރު ވަނީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ފެންވަރުމަތިކޮށް ވަސީލަތްތައް ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް އެމެރިކާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މީގެ އިތުރުން ސުލްހަމަސަލަސްކަން ގާއިމުކުރުމަށާއި ރާއްޖޭގެ އިސްތިގުލާލު ރައްކާތެރިކުރުމުގައި އެއްބާރުލުން ދެއްވުމާއި އަދި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންވެސް އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ކޮމާންޑަރު ވަނީ މަޝަވްރާކުރައްވާފައެވެ.

ރައީސް މުއިއްޒު ވަނީ އިންތިގާލީ މަރުހަލާގައިވެސް ބޭރުގެ ގައުމުތަކުން ރާއްޖޭގައި ތިއްބަވާ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުންވެސް އެމަނިކުފާނު ވަނީ ބޭރުގެ ގައުމުގެ ތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ އެކި އެކި ކަންކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާ މަޝްވަރާކުރައްވާފައެވެ.