20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ.

އަންނަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ބާއްވާ އެ އިންތިހާބުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތައް މި މެދުވެރިކޮށް ފޯމު ހުށަހެޅަން އީސީއިން ވަނީ އެދިފައެވެ.

އީސީއިން ބުނީ ޕޯޓަލްއަށް ލޮގިންވެވޭނީ ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށް ކަމަށާއި އީ-ފާސް މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވުމަށްފަހު އީ-ފާސްގެ މައުލޫމާތު ޕޯޓަލްއަށް ދިނުމަށް ހުއްދަ ދޭންވާނެ ކަމަށެވެ. އަދި ޕޯޓަލްއަށް އަޕްލޯޑްކުރެވޭނީ ހަމައެކަނި ޕީޑީއެފް ފައިލް ކަމަށާއި ޕޯޓަލްއަށް ފޯމު އަޕްލޯޑުވުމުން ފޯމުގެ ސްޓޭޓަސް ޕޯޓަލްއިން ފެންނާނެ ކަމަށް އީސީއިން ވަނީ ބުނެފައެވެ.

އޮފިޝަލަކަށް އެދޭ މީހާގެ ޝަރުތުތައް:

  • އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން.
  • އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
  • ފޯމު ހުށަހަޅާ ދާއިރާ/ ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.
  • އޮފިޝަލެއްގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުން.
  • މިފަދަ މަސައްކަތަކަށް ސިއްހީ ގޮތުން ގާބިލު މީހަކު ކަމުގައިވުން.
  • ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.
  • ސްކޫލް ދަރިވަރަކަށް ނުވުން.

އޮފިޝަލުންގެ މަގާމުތަކާއި އުޖޫރަ:

  • ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް 2650 ރުފިޔާ
  • ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 2350 ރުފިޔާ
  • ވޯޓުލާ މަރުކަޒެއްގެ އޮފިޝަލަކަށް 2250 ރުފިޔާ
  • ރިޒާވް އޮފިޝަލަކަށް 1000 ރުފިޔާ

އީސީއިން ބުނީ އިންތިހާބު އޮންނަ ދުވަސް ރަމަޟާން މަހުގެ ދުވަހަކަށް ވާތީ 500 ރުފިޔާގެ އެލަވަންސެއް ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ ކޮންމެ އޮފިޝަލަކަށް ލިބޭނެ ކަމަށާއި ކެއުމާއި ސައި ކޮމިޝަނުން ހަމަޖައްސައިނުދޭނަމަ ތިރީގައިވާ ރޭޓްތަކުގައި ކެއުމާއި ސަޔަށްވާ ފައިސާ އޮފިޝަލުންގެ އެލަވަންސްއާއެކީ ޖަމާކުރެވޭނެއެވެ. އެގޮތުން 250 ރުފިޔާ އަދި ތަރާވީސް ގަޑިއަށް 100 ރުފިޔާ ހަމަޖެއްސޭނެ ކަމަށް އީސީއިން ބުނެއެވެ.

މި އަންނަ މާޗް މަހުގެ 5 ވަނަ ދުވަހުގެ މެންދުރުފަހު 3 ޖެހުމުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު އީސީއިން ބުނީ ބޭނުންވާ އަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެ ކަމަށެވެ.

އީސީއިން އިތުރަށް ބުނީ އޮފިޝަލުންގެ ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި އަންނަ މަހުގެ 24 އިން މާޗް މަހުގެ 10 ގެ އާ ދެމެދުގައި ކަމަށެވެ.