އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް އަރާ ދިން ކުއްލި ހަމަލާގައި ރަހީނު ކުރި މީހުންގެ ތެރެއިން މިނިވަން ނުކުރެވޭ މީހުންގެ ފޮޓޯ ޖެހި ލިޔުންތަކެއް އިޒްރޭލުން ގާޒާއަށް އަޅައިފިއެވެ.

އެ ލިޔުންތަކުގައި ބުނެފައި ވަނީ، ރަހީނުންނާ ބެހޭ މައުލޫމާތު އިޒްރޭލަށް ފޯރުކޮށް ދިނުމަށެވެ. އަދި އެފަދަ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 'ހަދިޔާ' ދޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

"ކަލޭމެން އެނބުރި ގެއަށް ދާން ބޭނުންތަ، އެހެންވިއްޔާ ރަހީނުންނާ ބެހޭ މައުލޫމާތު ފޯރުކޮށްދީ" ލީފްލެޓްތަކުގައި ވެއެވެ.

އެއާއެކު ގުޅާނެ ފޯނު ނަންބަރަކާއި، އެމީހުންގެ މައުލޫމާތު ހިމެނޭ ވެބްސައިޓް އެޑްރެހެއްވެސް ޖަހާފައި ވެއެވެ.

އޭގެ ޖަވާބުގައި ގާޒާގެ ރައްޔިތުން ބުނީ، "ނަތަންޔާހޫ، ކަލޭ ހަނގުރާމަ ހުއްޓާލައި، އޭރުން ރަހީނުން އަނބުރާ ގެންދެވޭނެ" ކަމަށެވެ.

ހަމާސް އިން އިޒްރޭލަށް އެރި ދުވަހު ޖުމްލަ 253 މީހަކު ރަހީނު ކުރި ކަމަށް އިޒްރޭލުން އެންމެ ފަހުން އާންމު ކުރި އަދަދުތަކުގައި ބުނެއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު 2 ބުރަކަށް ދޫކޮށްލާފައި ވާ އިރު ބާކީ މީހުން ދޫކޮށް ނުލައި ތިބީ، އިޒްރޭލުން އަލުން ހަމަލާތައް ފަށާ ބޮން އަޅަމުން ދާތީ އާއި، ގާޒާ ބަނޑަށް ޖައްސާތީއެވެ.

އިޒްރޭލުން ބުނާ ގޮތުން އަދިވެސް ހަމާސްގެ ބެލުމުގެ ދަށުގައި 127 ރަހީނަކު ތިބޭނެއެވެ. އޭގެ ތެރެއިން 27 މީހަކު މަރުވެފައި ވާ ކަމަށް ހަމާސްގެ އޮފިޝަލުން މީގެ ކުރިން ވަނީ ބުނެފައެވެ. އެމީހުން މަރުވީ ހުއްޓުމެއް ނެތި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކާއި އެމީހުން ތިބޭ ބައެއް ސަރަހައްދުތަކަށް ބޮން އަޅަމުން ދިޔުމުގެ ސަބަބުން ކަމަށް ވެސް ބުނެފައި ވެއެވެ.

ހަނގުރާމަ 100 ދުވަހަށް ވުރެ ދިގުލައިގެން ގޮސްފައި ވާ އިރު މިނިވަން ނުކުރެވި ތިބި ރަހީނުންގެ ސަލާމަތާ މެދު އެމީހުނގެ އާއިލާތަކުންނާއި އެކުވެރިން ކަނަބޮޑުވުން ފާޅު ކުރަމުން ގެންދާއިރު އެމީހުން މިނިވަން ކުރުމަށް ހަމާސް އާ އެކު ޑީލެއް ހެދުމަށް ގޮވާލައި އެތައްހާސް ބަޔަކު ދަނީ އިޒްރޭލުގައި މުޒާހަރާ ކުރަމުންނެވެ. ނަތަންޔާހޫގެ އިސްތިއުފާ އަށް ގޮވަމުން، އެމީހުން މިނިވަން ކުރުމަށް އަޑުއުފުގައި އެތައްހާސް ބަޔަކު ނަތަންޔާހޫގެ ގޭގެ ދޮރުމަތީގައި މުޒަހަރާތައް ކުރަމުން ގެންދާތާ ހަފްތާއެއް ވެއްޖެއެވެ. އެ ޕްރެޝަރާއެކުވެސް ނަތަންޔާހޫ ބުނަމުން ދަނީ، ހަމާސް ނައްތާލުން ނޫން ގޮތެއް ނެތް ކަމަށާއި، އެކަން ކުރުމުގައި އަގެއް ދައްކަން ޖެހޭ ކަމަށެވެ. އެ އަގަކީ ރަހީނު ކުރި އިޒްރޭލުގެ މީހުން މަރުވިޔަސް ހެޔޮ ވުން ކަމަށް ބައެއް މުރާސިލުން ބުނެއެވެ.

ފާއިތުވި 24 ގަޑިއިރަކީވެސް އިޒްރޭލުން ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދިން 24 ގަޑިއިރެވެ. ގާޒާގެ މެދުތެރެ އާއި ދެކުނަށް އަމާޒުކޮށް މިހާރު ބޮން އަޅަމުން ދާއިރު، އެތައް ސަތޭކަ ބަޔަކު ވަނީ ޝަހީދު ކޮށްލާފައެވެ. ހަނގުރާމަ ފެށިފަހުން މަރުވި މީހުންގެ އަދަދު 25،000 އަށް އަރާފައި ވާ އިރު ޒަހަމްވި މީހުންގެ އަދަދު ވަނީ 65،000 ފަހަނައަޅާ ގޮސްފައެވެ. ގާޒާގެ މުޅި އުތުރު އެއްކޮށް ބިމާ ހަމަކޮށްލާފައި ވާ އިރު، މިހާރުގެ ހަމަލާތަކުން މުޅި ގާޒާ އެކީ އެކަށް ބިމާ ހަމަވެގެން ދާނެ ކަމަށް ވެސް މުރާސިލުން ބުނެއެވެ.

ގާޒާއަކީ 2.3 މިލިއަން މީހުންގެ އާބަދީއެއް އޮތް ތަނަކަށް ވާއިރު، އުތުރަށް ދެމުން ގެންދާ ހަމަލާތަކުން ސަލާމަތް ވާން ގިނަ ބަޔަކު ގޮސް ތިބީ މެދުތެރެއާއި ދެކުނަށެވެ. އެތަންތާނގެ ރެފިއުޖީ ކޭމްޕްތަކުގައި އެތައް ހާސް ބަޔަކު ދިރިއުޅެމުން ގެންދާއިރު އިޒްރޭލުން ވައްޓާލައި ކޮންމެ ބޮމަކުން އަދި ފޮނުވާލައި ކޮންމެ މިސަލަކުން މަރުވާ މީހުންގެ އަދަދުތައް ދަނީ ގުނަ ގުނާ ތިއްބާ އިތުރުވަމުންނެވެ.