އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވި މުހައްމަދު ޖާހު ޚާލިދު، ޕެންޒީމާގެ / ގއ. ވިލިނގިލި މާލެ ގެނައުމަށްޓަކައި އިންތިޒާމުތައް ވަގުތުން ހަމަޖެއްސި ނަމަވެސް، އޭނާ މާލެ ގެނައުމަށް ލަސްވީ މާލެ އަށް އަންނަން އޮތް ފްލައިޓަށް މައްސަލަ ދިމާވެ، ލަސްތަކެއް ވެގެން ކަމަށް، އާސަންދައިން ބުނެފިއެވެ.

މިރޭ ނެރުނު ބަޔާނުގައި އާސަންދަ އިން ބުނީ، އުމުރުން 13 އަހަރުގެ ޖާހު މާލެ ގެނައުމަށްޓަކައި ވިލިނގިލީ ހޮސްޕިޓަލުން އެމަޖެންސީ އިވޭކުއޭޝަނަކަށް އެދުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު 5 ޖަހާކަން ހާއިރު ކަމަށާއި، އެ ކުންފުނީގެ މެޑިކަލް ސެކްޝަނުން އެ މައްސަލަ ބަލައި، އެމަޖެންސީގައި ޖާހު ގެނައުމުގެ ހުއްދަދީ، ވީ އެންމެ އަވަހަށް އޭނާ މާލެ ގެނައުމަށްޓަކައި ފްލައިޓެއް ލިބޭތޯ ބެލުމަށް 5:20 ހާއިރު ވިލިނގިލީ ހޮސްޕިޓަލަށް އަންގާފައިވާނެ ކަމަށެވެ.

އާސަންދަ އިން ބުނީ، ގއ. ކޫއްޑޫ އެއާޕޯޓުން އެންމެ އަވަހަށް ދަތުރެއް ކުރަން ރާވާފައި އޮތީ ހުކުރު ދުވަހުގެ ފަތިހު 5:55 ހާއިރު ކަމުން، ޗާޓަރު ފްލައިޓެއް ހަމަޖައްސާފައިވާނެ ކަމަށާއި، ގައުމީ އެއާލައިން މޯލްޑިވިއަންގެ ޗާޓަރު ފްލައިޓް ހަމަޖެހުނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:55 ގައި ކޫއްޑޫގައި ޖައްސައި، ހަވީރު 4:20 އަށް ވެލާނާ އެއާޕޯޓުގައި ޖައްސާ ގޮތަށް ކަމަށެވެ.

ހަމަ އެއާއެކު، ހޮސްޕިޓަލުގެ އެދުމުގެ މަތިން، އެ ދުވަހުގެ މެންދުރުފަހު ސިފައިންގެ ސީ އެމްބިއުލާންސްގައި ޖާހު ވިލިނގިލިން ކޫއްޑޫ އަށް، ފްލައިޓް އޮތް ގަޑީގެ 10 މިނެޓު ކުރިން ހަމަޖެއްސި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ނަމަވެސް މާލޭން ލ. ކައްދު އަށް ދަތުރުކުރަމުން ދިޔަ ފްލައިޓެއް ކޫއްޑު އަށް ޑައިވާޓުކޮށް، މެންދުރު 1:50 ހާއިރު ޖާހު ގެންދެވޭނެ ކަމަށް ހެނދުނު 11:40 ހާއިރު ކޫއްޑޫ އެއާޕޯޓުން އެންގި ކަމަށާއި، އެކަމަކު ފްލައިޓަށް ދިމާވި މައްސަލައަކާ ހެދި އެންމެ ފަހު ވަގުތު ފްލައިޓް ޑައިވާޓް ނުކުރެވޭނެކަން އެންގުމުން، ފްލައިޓެއް އަލުން ޗާޓަރުކުރަން ޖެހުމުން، ޖާހު ފޮނުވާލެވުނީ ހަވީރު 4:35 ހާއިރު ކަމަށާއި، ވެލާނާ އެއާޕޯޓުގައި އެ ފްލައިޓު ޖެއްސީ 5:15 ހާއިރު ކަމަށް، އާސަންދައިގެ ބަޔާނުގައި ވެއެވެ.

ޖާހުގެ ހާލު ބޮޑުވެ، މާލެ އަށް ގެނައުން ލަސްވި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ޑޯނިއާ ބޯޓު ބޭނުންނުކުރި ސަބަބާއި ގައުމީ އެއާލައިން މޯލްޑިވިއަނުން ވަގުތުން ފްލައިޓެއް ހަމަނުޖެއްސުނީ ކީއްވެތޯ ގިނަ މީހުން ސުވާލު އުފައްދާފައިވެއެވެ. އެކަމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ، މީގެ ތިން އަހަރު ކުރިން ފެށިގެން، ގިނަ ބަލިމީހުން އުފުލުމުގެ މަސައްކަތްކޮށްފައި ވަނީ މޯލްޑިވިއަން މެދުވެރިކޮށް ކަމަށާއި، ބަލިމީހުން އުފުލުމަށްޓަކައި ރައީސްގެ ހުއްދައަށް ކޮންމެހެން އެދެން ނުޖެހޭނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މިއަދުން ފެށިގެން މޯލްޑިވިއަންގެ އުސޫލަށް ބަދަލު ގެނެސް، އެމަޖެންސީ ކޭހެއް އަތުވެޖެނަމަ، ބަލިމީހާ އުފުލުމަށް އިސްކަންދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ޖާހު މާލެ އަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު އެމަނިކުފާނަށް ދެއްވުމަށާއި، މިފަދަ ހާދިސާއެއް ދެވަނަ ފަހަރަށް ތަކުރާރުނުވާނެ ގޮތަށް ބަލި މީހުން ކުއްލި ފަރުވާ އަށް ގެނެސްދިނުމުގައި އަމަލުކުރަމުންދާ ނިޒާމު އިސްލާހުކުރުމަށް، ކަމާ ގުޅުންހުރި އިދާރާތަކަށް މިއަދު އަންގަވައިފައެވެ.