ރެސްކިޔު ޑައިވާ ޕްރޮގްރާމް ހިންގަން އެހެން ރަށްރަށުންވެސް އެދިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީއިން ބުނެފިއެވެ.

ޑައިވްކުރުމުގެ ތެރޭގައި މަސްވެރީންނަށް ކުރިމަތިވާ ހިތާމަވެރި ހާދިސާތައް މަދުކުރުމުގެ މަގްސަދުގައި މަސްވެރިކަން ކުރާ ކޮންމެ އުޅަނދެއްގައި ހަރަކާތްތެރިވާ ފަޅުވެރީންގެ ތެރެއިން މަދުވެގެން އެއް ފަޅުވެރިއަކީ "ރެސްކިޔު ޑައިވާ" ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތެއް ކަމުގައި ހެދުމަށް ކުރިއަށް ގެންދަން ރާވާފައިވާ ރެސްކިޔު ޑައިވާ ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތު ގދ. މަޑަވެލީގައި އިއްޔެ ވަނީ ފަށާފައެވެ.

އެ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މަސްވެރިކަމަކީ ރައްކާތެރިކަމާއެކު ކުރިއަށް ގެންދާކަމެއް ކަމުގައި ހެދުމުގެ މުހިއްމުކަން ފާހަގަކުރައްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ރެސްކިޔު ޑައިވާ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން މަސްވެރިންގެ ސަލާމަތީ ރައްކާތެރިކަމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމަށް ވިދާޅުވެފައެވެ.

ފިޝަރީޒް މިނިސްޓްރީއިން ބުނީ އެ ޕްރޮގްރާމުގައި ރެސްކިޔު ޑައިވާ ފެންވަރަށް ތަމްރީނުވާ ބައިވެރިން ތަފާތު 6 ކޯހެއް ފުރިހަމަކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ކޯސްތައް އުނގަންނައިދިނުމަށް ފިޝަރީޒް މިނިސްޓްރީއިން 6 އިންސްޓްރަކްޓަރުން އައްޔަންކޮށްފައިވާ ކަމަށެވެ.

އިއްޔެ ގދ. މަޑަވެލީގައި ފެށި އެ ޕްރޮގްރާމުގައި އެ ރަށުގައި ދުއްވާ 8 ދޯނިން 8 ފަޅުވެރިޔަކު ރެސްކިޔު ޑައިވާ ކޯސް ހެދުމަށް ނިންމާފައިވާ ކަމަށާއި އޮޑިވެރިންނާއި ކެޔޮޅުންގެ އެދުމަށް ދޯނިތަކުން ފީނާ އެހެން ފަޅުވެރީންނަށް ޕްރޮގްރާމް ހިނގުމަށް އެ މިނިސްޓްރީއިން އެއްބާރުލުން ދިނުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.

ރެސްކިޔު ޑައިވާ ޕްރޮގްރާމްގެ ދަށުން ހުވަދޫ އަތޮޅުގެ އިތުރު 3 ރަށެއްގައި މި ކޯސް ކުރިއަށްދާނެ ކަމަށާއި އެއީ ގއ. ކޮލަމާފުށި، ގއ. ވިލިނގިލި، އަދި ގއ. ދެއްވަދޫ ކަމަށާއި ލ އަތޮޅާއި ސ. އަތޮޅުގެ ރަށްރަށުގައިވެސް އެ ކޯސް ހިންގުމަށް އެދިފައިވާ ކަމަށް މިނިސްޓްރީއިން ފާހަގަކުރެއެވެ. އަދި ފެށޭ ހަފްތާގެ ތެރޭގައި ސ. އަތޮޅާއި ލ. އަތޮޅަށް ޑައިވިން އިންސްޓްރަކްޓަރުން ފޮނުވުމަށްޓަކައި މިނިސްޓްރީއިން އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށާއި ޑައިވް ކޯހާއެކު ގއ އަދި ގދ އަތޮޅުގެ 4 ރަށެއްގައި ޖުމްލަ 25 ފަޅުވެރިންނަށް ކޯސް ކުރިއަށް ދާނެ ކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.