ރަށު ފެންވަރުގައި އާންމު ރައްޔިތުން ކުރާ މަސައްކަތްތަކަށް އަދި ރައްޔިތުންގެ މަންފާއަށް ބޭނުންކުރެވޭ ގޮތަށް، ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

މިގޮތަށް ހަމަޖައްސާފައި ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދަށް ގެނައި އިސްލާހުގައެވެ.

މި އުސޫލުގެ ދަށުން ކައުންސިލްތަކަށް ރަށްތައް ދޫކުރާނީ ހުށަހަޅާ ޕްރޮޕޯސަލް ހުށައެޅުމުން ވަޒަން ކުރުމަށް ފަހުގައެވެ. އަދި މިކަމުގައި އިސް ދައުރެއް އަދާކުރާނީ ސިޓީސް، ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވޯކް މިނިސްޓްރީއިންނެވެ.

މި އުސޫލުގައިވާ ގޮތުން ރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ކުރިން ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ޕްރޮޕޯސަލް ފާސްކުރަން ޖެހޭނެއެވެ. އަދި އެ ރަށެއްގައި ކުރަން ނިންމާ ބޭނުމަކަށް ކައުންސިލަށް ރަށް ދޫކުރުމާ ގުޅޭގޮތުން، އެ އަތޮޅެއްގެ އަތޮޅު ކައުންސިލުގެ ހުއްދަ ހޯދަންޖެހޭނެއެވެ. (އަތޮޅު ކައުންސިލުގައި ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސް ހިމެނޭކަމުން، މިއީ މުޅި އަތޮޅުގެ ރައްޔިތުންގެ ރުހުން އޮތް ކަމެއްކަން ނުވަތަ ނޫންކަން ކަނޑައެޅިގެންދާނެއެވެ.)

މި އުސޫލާއެކު ކައުންސިލަކުން ފަޅު ރަށެއް ހޯދުމަށް ހުށަހަޅާ ތަފްސީލު ރިޕޯޓުގައި ކުއްޔާބެހޭ ބައި ނުހިމަނާ ހުށަހެޅިދާނެއެވެ. އަދި މިގޮތަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ދޫކުރެވޭ ފަޅުރަށް ކުއްޔަކާ ނުލައި ދޫކުރެވިދާނެއެވެ.

ކައުންސިލްތަކުން ރަށެއް ހޯދުމަށް ހުށަހެޅޭނީ، އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށަކަށް ކަމަށްވީ ނަމަވެސް އެ އަތޮޅުގައި ރަށެއް ނެތް ނަމަ، އެހެން އަތޮޅަކަށް ނިސްބަތްވާ ރަށެއް ހޯދުމުގެ ފުރުސަތު މިއުސޫލުގެ ދަށުން ކައުންސިލްތަކަށް ލިބިދެއެވެ. ނަމަވެސް މި ދެ ހާލަތުގައިވެސް، އެ އިދާރީ ދާއިރާގެ އަތޮޅު ކައުންސިލުގެ ހުއްދަ ލިޔުމުން ހޯދަންޖެހޭނެއެވެ.

މީގެއިތުރުން ކައުންސިލްތަކުން ތަފްސީލު ރިޕޯޓު ހުށަހަޅާއިރު، އެއް ކައުންސިލަކަށްވުރެ ގިނަ ކައުންސިލަކުން ގުޅިފައިވާ ހުށަހެޅުމެއްގެ ތެރެއިންވެސް ރަށެއް ހޯދިދާނެއެވެ.

މި އުސޫލުގެ ދަށުން ކައުންސިލްތަކަށް ފަޅުރަށްރަށް ދޫކުރާނީ މީލާދީ 10 އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ވާއިރު، ކައުންސިލަކަށް ދޫކޮށްފައިވާ ރަށުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ވަކި މިންގަނޑުތަކެއް ހިފަހައްޓަން ޖެހޭނެއެވެ. އަދި ޕްރޮޕޯސަލް ހުށައެޅޭނީ ސަރުކާރުން ކަނޑައަޅައި އިއުލާނުކޮށްފައިވާ ރަށްތަކަށެވެ. އެ ރަށްތަށް ވަރަށް އަވަހަށް ސަރުކާރުން އިއުލާން ކުރާނެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިއަދުން ފެށިގެން 1 މަސްދުވަސް ހަމަވާ ތާރީހުގައެވެ.

އާ ގަވާއިދުގެ ދަށުން ހޯދާ ރަށްތަކުން ކުރެވޭނެ ބޭނުންތައް:

  • ގަސް ހެއްދުން ނުވަތަ ކާބޯތަކެތި ހެއްދުން
  • ތަކެތި ގުދަން ކުރުން
  • ކުކުޅާއި ގެރިބަކަރި ފަދަ ތަކެތި ގެންގުޅުން
  • ދޫނި ގެންގުޅުން
  • މަސްކައްކައި ހިއްކުން
  • ލޮނުމަހުގެ މަސައްކަތް ކުރުން
  • ފަރުދީ ފެންވަރުގައި ހުއިފިލަނޑާ ކައްކައި ހިއްކުން
  • އެކުއަކަލްޗާގެ މަސައްކަތް ކުރުން
  • ފާނަކޮށިއެޅުމާއި ފާނައިގެ މަސްވެރިކަން ކުރުން
  • ދިރޭމަސް ގެންގުޅުން
  • އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުން
  • ފައިބަރުގެ މަސައްކަތް ކުރުން
  • ވަޑާމުގެ މަސައްކަތް ކުރުން
  • ވޯކްޝޮޕް ހެދުން
  • އެޅިގަލުގެ މަސައްކަތް ކުރުން
  • ދަތުރުދިޔުމާއި މޫދުކުޅިވަރުގެ ހިދުމަތް ދިނުން
  • ލުއި ބުއިން ނުވަތަ ލުއި ކެއުން ތައްޔާރުކޮށް ވިއްކުން

މި ގަވާއިދުގެ ކުރިން ރަށެއް ކައުންސިލަކަށް ލިބިދެވެނީ ބަލަހައްޓާ އުސޫލުން އެކަންޏެވެ. އަދި ރަށެއް ލިބުނު ނަމަވެސް ކުރެވޭނީ މަދު ކަންތައްތަކެއްކަން ސިޓީސް މިނިސްޓްރީއިން ފާހަގަ ކުރެއެވެ. އެގޮތުން އެ ރަށްރަށުގައި ކުރެވޭ ކަންކަމަކީ ކާށި ނުވަތަ ފަންހޮވުން، އެއްވެސް ގަހެއް ނުކަނޑައި ކުދިގަހުގެ ނާސަރީއެއް ހެދުން، އަވަހަށް ހެދޭ ބާވަތުގެ ބައެއް ތަރުކާރީ ހެއްދުން، ރުއްގަސް އަދި ބަނބުކެޔޮފަދަ ބޮޑެތި ގަސް އިންދުން އަދި ގޮނޑުދޮށުން މަސްހިފުން ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.