ރައްޔިތުން މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓް ފައިނަލްކުރުމަށް މައުލޫމާތު ބަދަލުވާނަމަ އާދީއްތަ ދުވަހު އައިޑީކާޑަށް ހުށަހަޅަން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އިން އެދިއްޖެއެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އިން ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވޯޓާސް ލިސްޓް ފައިނަލް ކުރުމަށްޓަކައި 18 އަހަރުން މަތީގެ ފަރާތްތަކުން މައުލޫމާތު ބަދަލުވެފައިވާނަމަ އާދީއްތަ ދުވަހުގެ މެންދުރުފަހު 3 ގެ ކުރިން އައިޑީކާޑު ހެއްދުމަށް ހުށަހެޅަން އެދިފައެވެ.
ހޯމަ ދުވަހުން 18 އަހަރުން މަތީ ފަރާތްތަކަށް މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހަދައި ދެވޭނީ އެ ފަރާތްތަކަށް ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ވޯޓު ނުލެވެވުނު ނަމަވެސް އެ ފަރާތްތަކުން އިއުތިރާޒް ނުކުރާ ކަމުގައިވާނަމަ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އިން ބުނެއެވެ.
އެ އިދާރާއިން ބުނީ ރައްޔިތުން މަޖިލީހުގެ އިންތިހާބަށްފަހު ކުރިއެކޭވެސް އެއްފަދައިން 18 އަހަރުން މަތީ ފަރާތްތަކުގެ މައުލޫމާތު ބަދަލުކޮށް އައިޑީކާޑު ހަދައިދެމުން ދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު އެއީ ރަމަޟާން މަސް ތެރެއެވެ. އަދި އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 30 ގައި ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.