ބޮޑުތަކުރުފާނު މަގު، ސްވިމިން ޓްރެކާ ދިމާގައި ހުންނަ ސްޓެލްކޯގެ ތެޔޮ ޕަމްޕު ސްޓޭޝަން ނަގައި، އެ ދިމާ ފަޅުން ބައެއް ހިއްކުމަށްފަހު އެ ތަނުގައި ބަދަލުކުރަން ސްޓެލްކޯއިން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެކަމަށްޓަކައި މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ރައްޔިތުންނަށް ފަސޭހަކުރުމަށްޓަކައި ސްޓެލްކޯގެ ފަރާތުން ރައްޔިތުންނަށް ހުރި ތަކުލީފެއްނަމަ ހައްލުކޮށްދެއްވަން ވިދާޅުވުވެފައިވާ ކަމަށެވެ. އަދި އެގޮތުން ބޮޑުތަކުރުފާނު މަގުގައި ހުރި ޕަންޕް ސްޓޭޝަން ނަގާ އެތަނުން މޫދު ސަރަހައްދަށް އަދި މޫދު ސަރަހައްދު ހިއްކުމަށްފަހު އެތަނަށް ބަދަލުކުރުމުގެ މަޝްރޫއުގައި މިއަދު ސޮއިކުރެވިގެން ގޮސަފައިވާ ކަމަށެވެ.
ފަހުމީ ވިދާޅުވީ އެ ޕަންޕް ސްޓޭޝަން ނެގުމުގެ މަސައްކަތް ކުރަނީ ވަރަށް ބޮޑު ހަރަދެއް ކޮށްގެން ކަމަށާއި އެގޮތުން އެ މަޝްރޫއަށް ސްޓެލްކޯގެ ބަޖެޓުން 7.1 މިލިއަން ރުފިޔާ ހަރަދުވެގެންދާނެ ކަމަށެވެ. އަދި ޕަންޕް ސްޓޭޝަން ނެގުމަށް ރާވާފައިވަނީ 60 ދުވަސް ތެރޭގައި ނަމަވެސް ގޮންޖެހުންތަކެއް ހުރުމުން އީޕީއޭގެ ހުއްދަ ލިބޭތާ 60 ދުވަސް ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ އެ ޕަންޕް ސްޓޭޝަން އަކީ ހަމައެކަނި މާލޭގެ ޕަވާ ޕްލާންޓަށް، ޑީސަލް އަޅާ ޕަންޕް ސްޓޭޝަން ކަމަށްވާއިރު އެކަމުގައި އެއްވެސް ވަރަކަށް ރިސްކެއް ނުނަގާނެ ކަމަށާއި އެ މަސައްކަތް ކުރިއަށްދާނީ ހިދުމަތަށް ބުރޫ ނާރާ ގޮތަށް ކަމަށެވެ. އަދި އެ މަޝްރޫއު ނިމުމުން ޓްރެފިކް ފްލޯއަށާއި ދުއްވާ މީހުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ މިއީ ވަރަށް ކުރީންސުރެ ކުރަން ބޭނުންވެ، ނުވެ އޮތް ކަމެއް ކަމަށެވެ. އަދި ފަހުމީގެ ހަލުވި ސްޕީޑް ފާހަގަކުރައްވާ ޒިޔާދު ވިދާޅުވީ ވަރަށް ކުރު މުއްދަތެއްގައި ވާހަކަދައްކައިގެން ވަރަށް އަވަހަށް މި ކަން ހާސިލްކުރެވިގެން ގޮސްފައިވާ ކަމަށެވެ.
ޒިޔާދު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ހިއްކަން ނިންމާފައިވަނީ 15 މީޓަރާއި 6 މީޓަރުގެ ސަރަހައްދެއް ކަމަށެވެ.