ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމާއެކު ހދ. މަކުނުދޫ ހިމެނޭ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވެއްޖެއެވެ.

ކޮމިއުނިކޭޝަން މިނިސްޓަރު ހަލީލު މިހެން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން، ރައީސްގެ ދަތުރުފުޅުގައި މަކުނުދޫ އާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާ، އެ އެއްބަސްވުން ހާމަކުރަން ޖެހޭކަމަށް ބުނެ ދައްކަމުން ދާ ވާހަކަތަކަށް ޖަވާބުދެއްވަމުންނެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގައި އިންޑިއާއާ އެކު 100 އެެގްރިމެންޓް ހަދާފައި އޮތް ވާހަކަ އެއީ ވަރަށް ބިރުވެރި ވާހަކައަކަށް ވެގެން އުޅުނީ. ދެމަސް ނުވަނީސް 20 އެމްއޯޔޫގައި ސޮއިކޮށްލާފައި އެއައީ، އެއީ ފަސްބައިކޮށްފައި އެއްބައި." އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވިއެވެ.

އެމްޑީޕީ އިން ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ޗައިނާ އާއި ރާއްޖެއާއި ދެމެދު 20 އެއްބަސްވުމެއްގައި ސޮއިކުރިކަމަށް ސަރުކާރުން ބުނެފައިވާ ވާހަކަ ދޮގު ކުރައްވާފައެވެ. އަދި ޗައިނާ އާއި ރާއްޖެ އާ ދެމެދު 30 އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާކަމަށާ އޭގެ ތެރޭގައި މަކުނުދޫ އާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނޭކަމަށް ފައްޔާޒު ވަނީ ތުހުމަތު ކުރައްވާފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ހަލީލު ވިދާޅުވީ ޗައިނާއާއެކު ވެވުނު ކޮންމެ އެގްރީމެންޓަކީ ދިވެހިންނާއި ދިވެހިރާއްޖޭގެ ކުރިއެރުމާ ގުޅިފައިވާ އެގްރީމެންޓެއް ކަމަށެވެ. އަދި ވަކިބަޔަކަށް، ވަކި ރަށަކަށް ހާއްސަ ކުރެވިގެން އެއްވެސް އެގްރީމެންޓެއް ނުކުރެވޭ ކަމަަށް ހަލީލު ވިދާޅުވިއެވެ.