ހއ. ދިއްދޫ ފެނަކަ އާ އިންޖީނުގެ އެޅުމުގެ މަސައްކަތަށް ނާގަފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރުމުން އެ މުވައްޒަފުން އިހްުތިޖާޖު ކޮށް ޝުއޫރު ފާޅު ކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި 50 އަށް ވުރެ ގިނަ މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމި ކަން އެ މުވައްޒަފުންނަށް އެނގުނީ މިއަދު ހެނދުނު އޮފީހަށް ދިއުމުންނެވެ. އެ މުވައްޒަފުންނަށާއި އެމީހުންގެ އާއިލާއަށް ލިބުނު މިއީ ވަރަށް ބޮޑު ހިތްދަތި ކަމެއްގެ ގޮތުގައި އެމީހުން ބުނެއެވެ.
މިއަދު އެ މުވައްޒަފުން ނިކުމެ ދިއްދޫ މަގުމަތީގައި އިހުތިޖާޖު ކުރަމުން ދާއިރު، އެމީހުންގެ ޝުއޫރުތައް ފާޅުކޮށް ކާޑުބޯޑުގައި ލިޔެފައިވާ ލިޔުންތަކާއެކު ދަނީ އަޑުއުފުލަމުންނެވެ. މި އިހުތިޖާޖުގައި އެ މުވައްޒަފުންގެ ޝުއޫރުތަކުގެ ތެރޭގައި ވަޒީފާއިން ކަނޑާލުމަށް ފަހު 10 ކިލޯގެ ކާޑު ދިނުމަކުން ނުފުދޭނެ ކަމަށް ބުނެއެވެ. ކުރިއަށް އޮތީ މަޖިލިސް އިންތިހާބު ކަމަށާއި ދެން މި ސަރުކާރަށް ވޯޓު ނުދޭނެ ކަމަށް ވެސް އެމީހުން ބުނެއެވެ.
އަދި މި ސަރުކާރު ވެރިކަމަށް އައީ ސިޔާސީ މަގާމުތަކުގައި ތިބި މީހުން ނޫން ބަޔަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ބުނެ ވައުދުވެގެން ކަމަށް އިހުތިޖާޖުގެ ބައިވެރިން ބުނެއެވެ. ނަމަވެސް ކަން ކުރީ ވައުދު ވި ގޮތާ މުޅިން ހިލާފަށް ކަމަށް ވެސް އެ ބައިވެރިން ބުނެއެވެ.
މި ކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، ދިއްދޫގެ އާ އިންޖީނުގޭގެ މަސައްކަތަށް ޖުމްލަ 70 ކޮންޓްރެކްޓް މުވައްޒަފުން ނާގަފައިވާ ކަމަށެވެ. މި ވަގުތު އިންޖީނުގޭގެ މަސައްކަތް މަޑު ޖެހިފައި އޮތުމުން އެ މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމާފައިވާ ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ.
މުޅި ޕްރޮޖެކްޓަށް 49 މިލިއަން ރުފިޔާ ހަރަދު ވާނެކަން މުއާޒް ފާހަގަ ކުރައްވާފައިވާ އިރު، މުވައްޒަފުންގެ ހަރަދަށް 23 މިލިއަން ހަރަދުވާނެކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. މަސައްކަތް ހުއްޓިފައިވާ މި ދަނޑިވަޅުގައި މުވައްޒަުންގެ ކޮންޓްރެކްޓް އާ ނުކުރި ސީދާ ސަބަބު މުއާޒް ހާމަ ނުކުރެއްވި ކަމުގައި ވިޔަސް ބެލެވެނީ އެއީ ހަރަދު ކުޑަ ކުރުމަށް ނިންމެވި ނިންމެވުމެއް ކަމަށް ބައެއް ފާރާތްތަކުން އަންނަނީ ބުނަމުންނެވެ.