އެތުލީޓުންނަށް ފަސްޓް އެއިޑް ދިނުމަށް ސޯޝަލް ސެންޓަރުގައި ގާއިމްކުރި ފެސިލިޓީ ހުޅުވައި، ކޮންމެ ހަފުތާ އަކު ތިން ދުވަހު އެތުލީޓުންނަށް ތެރަޕީ ނެގޭ ގޮތް މާދަމާ އިން ފެށިގެން ހަދައިދޭނެ ކަމަށް މިރޭ އިއުލާނުކޮށްފިއެވެ.

އެކަމަށްޓަކައި ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި، ކުޅިވަރު ކުޅުމުގައި އެތުލީޓުންނަށް ލިބޭ އަނިޔާތަކަށް ފަސްޓް އެއިޑުގެ ފަރުވާ ދިނުމަށް ގާއިމްކުރި ފެސިލިޓީ ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، މިއީ ގައުމީ ކުޅިވަރުގެ ތާރީހުގައި އެންމެ މުހިންމު އެއް ދުވަސް ކަމަށެވެ. ރާފިއު ސިފަކުރެއްވި ގޮތުގައި މިއީ ގައުމީ އެތުލީޓުންނާއި އެކި ފެންވަރުގައި ކުރިއެރުން ހޯދަމުންދާ އެތުލީޓުންނަށް ބޭނުންވާ އެންމެ އަސާސީ އެއް ހިދުމަތް ކަށަވަރުވެގެން ދިޔަ ދުވަހެވެ.

އެހެންކަމުން، ކުޅިވަރުގެ ގައުމީ މުބާރާތްތަކާއި ބައިނަލްއަގުވާމީ މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމް ސިއްހީ ހިދުމަތްތައް އެކުލަވާލުމަށް މި ސަރުކާރުން ވެފައިވާ ވައުދު ފުއްދައިދެވިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯޝަލް ސެންޓަރުގެ އިތުރުން ކުޅިވަރު މުބާރާތްތައް ބާއްވާ އެހެނިހެން ތަންތަނުގައި ވެސް ފަރުވާދޭ ކޮޓަރިތައް ގާއިމްކުރެވި، އެ ތަންތަނަށް ބޭނުންވާ އާލާތްތައް ގެނެސް، އެ ތަންތަނުގައި މަސައްކަތްކުރާނެ ފަސްޓް އެއިޑަރުން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ އާ ގުޅިގެން ތަމްރީނުކޮށް ހަމަޖެހިފައިވާ ކަން ރާފިއު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޮންމެ ހަފުތާއަކު ތިން ދުވަހު ގައުމީ އެތުލީޓުން ތެރަޕީ ނެގޭ ގޮތަށް މާދަމާ އިން ފެށިގެން ހަމަޖެހިގެން ދާނެ ކަމަށާއި، އެކަމަށްޓަކައި ހާއްސަ ވެބްސައިޓެއް ވެސް މާދަމާ އިފްތިތާހުކޮށް މޯބައިލް އެޕްލިކޭޝަނެއް މި ހަފުތާގެ ތެރޭގައި ތައާރަފްކުރެވި އެ އެޕްލިކޭޝަން މެދުވެރިކޮށް އެޕޮއިންޓްމެންޓު ހެދުމުގެ ކަންކަން ހަމަޖެހިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި ހިދުމަތުގެ ސަބަބުން ބޮޑު އިންގިލާބެއް ހަމަ ޔަގީނުން ވެސް ކުޅިވަރުގެ މި ދާއިރާ އިން ފެނިގެން ދާނެ،" މިރޭ ތައާރަފްކުރެވުނު ހިދުމަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

މީގެ ކުރިން ރީހެބިލިޓޭޝަން ސްޕެޝަލިސްޓެއްގެ ގޮތުގައި، އަދި އޮލިމްޕިކް ކޮމިޓީ އާއި އެފްއޭއެމްގެ މެޑިކަލް ހެޑުގެ ގޮތުގައި މަސައްކަތްކުރެއްވި ރާފިއު ވަނީ ދަނޑުމަތީގައި އެތުލީޓުންނަށް ލިބޭ ބައެއް އަނިޔާތަކަށް ވެސް ކުރުކޮށް އަލިއަޅުވާލައްވައިފައެވެ. އެގޮތުން:

  • ކުއްލިއަކަށް ހާޓްއެޓޭކެއް ޖެހި ހިތް ހުއްޓުން: ފަސްޓް އެއިޑަރުން ނެތް ނަމަ މީހާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ދަތިވާނެ
  • ކޮންކަޝަން، ނުވަތަ ބިންމަތީގައި ބޯ ޖެހި ކުރިމަތިވާ ޝޮކަށް ފަރުވާ ނުދެވިއްޖެ ނަމަ، ބައްޔާ ކުރިމަތިލާން ޖެހޭނެ
  • މައިބަދަ އަށް ލިބޭ އަނިޔާ އަށް ބަރާބަރަށް ފަރުވާ ނުދެވިއްޖެ ނަމަ ވާގި ނެތުން އެކަށީގެންވޭ
  • ސޮފްޓް ޓިޝޫ އަށް ލިބޭ އަނިޔާތަކަށް އަވަސް ފަރުވާ ނުދެވިއްޖެ ނަމަ، އާންމު މަސައްކަތްތަކަށް ބުރޫ އަރާނެ

"ދަނޑުމަތީގައި އެތުލީޓުންނަށް ކުރިމަތިވާ އަނިޔާތަކަށް އެދެވޭ ފަރުވާ ދިނުމަކީ ގައުމީ ފެންވަރުގައި އެ ކުޅުންތެރިންނަށް ލިބެމުންދާ ހިދުމަތެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަން، ގައުމަށް ރަން ވަނަަތައް ހޯދައިދޭ ތިޔަ އެތުލީޓުންނަކީ ގައުމުގެ ނަމޫނާ ދަރިން، ތިޔަ ކުދިންނަށް މި ރަން ވަނަތައް ހާސިލްކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާ އެއް ކަމުގައި ވެސް އަޅުގަނޑު ދެކެން،" ރާފިއު ވިދާޅުވިއެވެ.