މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމިޓީއަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް ޝައުގުވެރިވާ ޖަމިއްޔާއެއް ހޯދަން އިއުލާންކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްމިއްޔާ ޖަމާއަތްތަކުގެ ތެރެެއިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޖަނަވަރީ 28، 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް، އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

މީގެ އިތުރުން އީސީ އިން ބުނީ މި އިންތިހާބުގައި ގައުމީ ލަފާދޭ ކޮމިޓީގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރާނެ ޖަމްއިއްޔާ އެއް ކަނޑައަޅާނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް އެންމެ ރަނގަޅަށް ކަށަވަރު ކުރެވޭނެ އަދި އެ ފަރާތްތަކުގެ ލަފާ އަދި ކަންބޮޑުވުންތައް ކޮމިޓީގެ ބައްދަލުވުންތަކުގައި އެންމެ ރަނގަޅަށް ބަޔާން ކުރެވޭނެ ކަމަށް، އެކޮމިޝަނަށް ގަބޫލުކުރެވޭ ޖަމްއިއްޔާއަކަށް ކަމަށެވެެ.

ކުރިން މި ކޮމިޓީގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކައުންސިލުންނެވެ. އީސީ އިން ބުނީ މިފަހަރު ޖަމިއްޔާތަކަށް ހުޅުވާލީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިއަށްވުރެ ބޮޑަށް ފުރުސަތުދީ ޝައުގުވެރިކަން ހުރި ޖަމިއްޔާތަކަށްވެސް ފުރުސަތު ދިނުމަށްކަމަށެވެ.