އޮކްޓޯބަރު 7, 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާގެ ބަދަލު ހިފުމަށް ޖެހިގެން އައި ދުވަހު ފެށި އުދުވާނަށް މިހާރު 100 ދުވަސް ވީއެވެ.
މި 100 ދުވަސް ވޭނާއި ކަރުނައިގައި މުޅި ގާޒާ ރިމުން ގިސްލަމުން ދާއިރު, މިއަދު ގާޒާގެ ތުއްތު ކުރިން އާދޭސް ކުރަމުން ދަނީ ބޯނެ ފެންތިކަކަށެވެ. ކާލާނެ ޕާން ފޮއްޗަކަށެވެ. ބޯހިޔާވަހިކޮށްލާނެ ހިޔަލަކަށެވެ. ނިދިން މަހުރޫމުވެ މަގުތައް މަތީގައި އެތައް ހާސް ކުދިންނަކާއި އަންހެނުންނެއް އަދި އާންމު ރައްޔިތުން އުޅެމުން ދަނީ, އދ ގެ ޔޫއެންއާރުޑަބްލިއު އިން ބުނާ ގޮތުގައި މިހާތަނަށް ދުނިޔެ ދެކެފައި ނުވާ ހައިހޫނު ކަމެއްގައެވެ.
މިހާތަނަށް ހިނގި އެއްވެސް ހަނގުރާމައެއްގައި ހާލުގައި ނުޖެހޭ މިންވަރަށް ގާޒާގެ ރައްޔިތުން ވަނީ ބިކަވެފައެވެ. ބޯލާނެ ފެން ތިކެއް ވެސް ލިބެނީ ކޮންމެ 4 މީހަކުން އެކަކަށެވެ. ނުވަތަ އެވްރެޖްކޮށް 1 ލީޓަރުގެ ފެން ލިބެނީ ކޮންމެ 4 މީހަކުން އެކަކަށެވެ.
ޔަހޫދީ އިޒްރޭލުން ގާޒާގެ ހަނގުރާމަ ފެށިއިރު ރޭވުންތަކެއް ހުއްޓެވެ. އެއީ ގާޒާގެ ހުރިހާ ހިދުމަތެއް ކަނޑާލުމާއެކު ގާޒާގެ ރައްޔިތުން ދުނިޔެއާ މުޅިން ވަކިކޮށްލުމުގެ ރޭވުމެވެ. އޭގެ ދަށުން އުމްރާނީ ވަސީލަތްތަކާއި ފެން ލިބޭނެ ވަސީލަތްތަކާއި ކާބޯތަކެތި އުފައްދާ ތަންތަނާއި ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގެ އިތުރުން މުވާސަލާތީ ހިދުމަތްތަކަށް ބޮން އަޅާ ހަލާކުކޮށްލިއެވެ.
ގާޒާއަކީ 17 އަހަރު ވީ ހުޅުވިފައި އޮތް ޖަލެކެވެ. އެތަނަށް ބޭނުންވާ ބޯފެނާއި ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް އަސާސީ ހިދުމަތްތަކަކީ އިޒްރޭލުން ދިނިއްޔާ ނޫނީ ނުލިބޭގޮތަށް ހަދާފައި ހުރި ހިދުމަތްތަކެވެ.
މިއަދު 100 ދުވަސް ފާހަގަ ކުރާ އިރު ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު ވަނީ 23,968 އަށް އަރާފައެވެ. ޒަހަމްވި މީހުންގެ އަދަދު 60,582 އަށް ވަނީ އަރާފައެވެ.
ފާއިތުވި 24 ގަޑިއިރަށް ބަލާއިރު އިޒްރޭލުން ވަނީ ފަލަސްތީންގެ 125 މީހަކު ޝަހީދު ކޮށްލައި 265 މީހަކު ޒަހަމްކޮށްލާފައެވެ.
އިޒްރޭލުގެ ބޭންކުތަކުގެ ހިސާބުތަކުން ދައްކާ ގޮތުން 2023 އިން ފެށިގެން އަންނަ 2025 ގެ ނިލަޔަށް ގާޒާ ފުނފުނޑު ކޮށްލުމަށް ހިންގާ ކެމްޕެއިންނަށް 54 ބިލިއަން އެމެރިކާ ޑޮލަރު އިޒްރޭލުން ހަރަދު ކުރާނެއެވެ. މި ހަނގުރާމައި އިޒްރޭލުން މިހާރުވެސް ވަނީ, ދެވަނަ ބޮޑުހަނގުރާމައިގައި އެމެރިކާއިން ޖަޕާނުގެ ހީރޯޝީމާއަށް ވައްޓާލި ބާރުގަދަ އެޓޮމިކް ބޮމުގެ 4 ގުނަހާ އަދަދަކަށް ގޮވާތަކެތި ގާޒާއަށް އަޅާފައެވެ. އޭގެ ތެރޭގައި ބޮމުގެ ހަމަލާތަކާއި މިސައިލާއި, ރޮކެޓާއި އަދި އެނޫންވެސް ގޮވާތަކެތި ހިމެނެއެވެ. އޮކްތޯބަރު 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އައިއިރު އިޒްރޭލުން ވަނީ ގާޒާ ހަނގުރާމައަށް 6.6 ބިލިއަން އެމެރިކާ ޑޮލަރުގެ ހަރަދު ކޮށްފައެވެ. އޭގެ ތެރޭގައި އިޒްރޭލާއި ގާޒާ ގުޅޭ އިންފާރު ވަރުގަދަ ކުރުމާއި ހަނގުރާމައިގެ ސަބަބުން އުތުރާއި ދެކުނުން ރައްކާތެރި ސަރަހައްދުތަކަށް ދިޔަ 100,000 މީހުންގެ ހަރަދުތައްވެސް ހިމެނޭ ކަމަށް އިޒްރޭލުގެ ބޭންކުން ބުނެފައި ވެއެވެ.
މި ހަނގުރާމައަށް 100 ދުވަސް ވީ އިރު, 100 އަށް ވުރެ ނޫސްވެރިންނާއި 150 އަށް ވުރެ ސިއްހީ އޮފިޝަލުން އިޒްރޭލުން ވަނީ މަރާލާފައެވެ. އާއިލާތައް ހުރި ގޮތަށް ޝަހީދު ކޮށްލާފައި ވާ އިރު, މިއީ އިންސާނިއްޔަތު ކަމެއް ވެސް ނުބައި ޖަރީމާއެއް ކަމަށް އދ ގެ އިދާރާކުން ވަނީ ބުނެފައެވެ.
އިޒްރޭލުން ބުނާގޮތުން ހަނގުރާމައަށް އަވަސް ނިމުމެއް ނެތެވެ. ދިގު ދެމިގެން ދާނެއެވެ. ހަމާސް އެކަށް ނައްތާލައިގެން ނޫނީ މައިތިރި ނުވާނެ ކަމަށް ބުނެއެވެ.
އިޒްރޭލުން ހިންގާ އުދުވާނާ ދުނިޔޭގެ 143 ގައުމަކުން ދެކޮޅު ހަދާ އދ ގައި ގަރާރުތައް ފާސްކުރަމުން ދާ އިރު, ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އެކިއެކި ގައުމުތަކުގައި ބާއްވަމުން ދާ ބޮޑެތި މުޒާހަރާތައް ވެސް ކުރިއަށް ދެއެވެ. އިޒްރޭލުގެ އުދުވާނަށް މިހާރު ތާއީދު ކުރާ މައިގަނޑު އޮތީ 2 ގައުމެކެވެ. އެއީ އެމެރިކާ އާއި އިނގިރޭސީންނެވެ. ކުރިން ތާއީދު ކުރި ފްރާންސާއި ޖަރުމަނުގެ ރާގު މަޑުމަޑުން ބަދަލުވަމުން ދާ އިރު ބައެއް ފަހަރު ހަމަލާތައް ހުއްޓާލައި ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭން އެގައުމުތަކުން ގޮވާލައެވެ.
މިއަދު 100 ދުވަސް ފުރުނު އިރު, ފަލަސްތީނުގެ މިނިވަން ދައުލަތެއް ހެދުމަށް ގޮވާލައި ޗައިނާއިން ދައްކާ ވާހަކަ އަލުން ވަނީ ތަކުރާރު ކޮށްފައެވެ. ޗައިނާއިން ބުނެފައި ވަނީ 1967 ގައި އޮތް އެއްބަސްވުމާ އެއްގޮތަށް އިރުމަތީ ޖަރޫސަލަމަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި މިނިވަން ދައުލަތް ވަގުތުން ގާއިމު ކުރަން ޖެހެއެވެ. ޗައިނާގެ އިތުރުން ރަޝިއާއިން ވެސް ތާއީދު ކުރަނީ އެ ހަމައަށެވެ. ނަމަވެސްޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ވުމުގެ ފުރުސަތު ނުދޭނެ ކަމަށާއި ގާޒާ ހިފުމަށް ފަހު އެތަން ދެން ބަލަހައްޓާނީ އިޒްރޭލުން ކަމަށެވެ.
މިއީ ބައިނައްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކާވެސް ވެސް ހިލާފު ކަމެއް ނަމަވެސް އިޒްރޭލަކުން އަޅައެއް ނުލައެވެ.
ގާޒާގެ ރައްޔިތުންގެ މުސްތަގުބަލާ މަދު ސުވާޅު އުފެދިފައިވާ މި ހާލަތުގައި މުޅި އާބާދީގައި ހިމެނޭ 2.2 މިލިއަން މީހުންގެ ތެރެއިން ކޮންމެ 10 މީހަކުން 9 މީހަކު 24 ގަޑިއިރު ހޭދަކުރަނީ ކާނެ އެއްޗެއް އަދި ބޯނެ ފެންތިކެއް ނެތިއެވެ.
މިއަދަށް 100 ދުވަސް ވެފައި ވާ އިރު, އިޒްރޭލާ ދެކޮޅަށް ހަމަލާ ދެމުން ގެންދާ ހަމާސް އިން ވެސް ދުލެއް ނުދެއެވެ. މިއަދުވެސް ވަނީ އިޒްރޭލުގެ އުތުރަށް އަމާޒުކޮށް ގާޒާގެ ތެރެއިން ރޮކެޓު ހަމަލާތަކެއް ފޮނުވާލާފައެވެ. މި ހަމަލާތަކުގައި އެއްވެސް މީހަކު ޒަހަމްވެ އަދި އިޒްރޭލަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.