ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލިންޑާ ރޮންސްޓަޑް 77، ގެ ހަޔާތުގެ ވާހަކަ ކިޔަދޭ ފިލްމެއް ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒަށް ހުށައަޅައިފިއެވެ.

މި ބަޔޮޕިކް ޑޭވިޑް އޯ ރަސެލް ޑައިރެކްޓޮކޮށް ގެނެސްދޭއިރު މި ފިލްމު ޕްރޮޑިއުސްކުރަނީ "ލިންޑާ ރޮންސްޓަޑް: ދަ ސައުންޑް އޮފް މައި ވޮއިސް" ޑޮކިއުމެންޓަރީ ވެސް ޕްރޮޑިއުސްކުރި ޖޭމްސް ކީޗް އެވެ. ފިލްމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު ފިލްމުގެ ޑައިރެކްޓަރު ބުނީ ލިންޑާގެ ކެރެކްޓާ އެންމެ ފުރިހަމައަށް ކުޅެވޭނީ ސެލީނާ އަށް ކަމަށާއި އޭނާ އަށް އިތުބާރު ކުރާ ކަމަށެވެ.

މިއުޒިކީ ކެރިއަރުގައި ލިންޑާ 29 މިއުޒިކް އަލްބަމް ނެރުނުއިރު އޭނާ ވަނީ 11 ގްރެމީ އެވޯޑު އުފުލާލާފައެވެ. މި އެވޯޑުތަކުގެ އިތުރުން މިއުޒިކީ ގިނަ އެވޯޑުތަކެއް ވެސް ލަވަކިޔުންތެރިޔާ އަށް ވަނީ ލިބިފައެވެ. 1965 ވަނަ އަހަރު ލިންޑާ އޭނާގެ މިއުޒިކީ ކެރިއަރު ފެށިއިރު އޭނާ ރިޓަޔާވީ 2011 ވަނަ އަހަރު އޭނާގެ ސިއްހީ ހާލަތު ތަން ނުދިނުމުގެ ސަބަބުންނެވެ. ޕާކިންސަން ބައްޔަށް ޑައިގްނޯސްވެ ލަވަކިޔުމުން ދުރުވިއިރު އޭނާގެ ބަލި ހާލަތު ދިޔައީ ފަހުން ބޮޑުވަމުންނެވެ. ޕްރޮގްރެސިވް ސުޕްރަނިއުކްލިއާ ޕަލްސީ އޭނާގެ ހަށިގަނޑުގައި ފެތުރި، ވާހަކަދައްކާ އުޅެންވެސް ދަތިވާން ފެށިއެވެ. ހަޔާތުގައި ލިންޑާ ކައިވެންޏެއް ކޮށްފައި ނުވިނަމަވެސް އޭނާ ވަނީ ދެ ކުދިން އެޑޮޕްޓްކޮށްފައެވެ. އެއީ ކާލޮސް އާއި މޭރީއެވެ. ދެ ދަރިން އޭނާ ގެންގުޅުނީ މީޑިއާތަކަށް ވަރަށް ފޮރުވައިގެންނެވެ.

މަޝްހޫރު ލަވަތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ ބަތަލާ ސެލީނާ އެންމެ ފަހުން ފެނިގެންދިޔައީ 2019 އަހަރު ގެނެސްދިން ފިލްމު "އަ ރެއިނީ ޑޭ އިން ނިއު ޔޯކް" އެވެ. ދެން އެންމެ އަވަހަށް ސެލީނާ ފެނިގެންދާނީ "އެމީލިއާ ޕެރޭޒް" އިންނެވެ.