އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް 31، ގެ އާ ލޯބިވެރިޔާ އަކީ ބެނީ ބްލާންކޯ ކަމަށް އޭނާ އެއްބަސް ވެއްޖެއެވެ.

ބެނީ އަކީ އެމެރިކާގެ މަޝްހޫރު ރެކޯޑު ޕްރޮޑިއުސަރެކެވެ. ލަވަކިޔުންތެރިޔާ ސެލީނާ އާއި ބެނީ ޑޭޓް ކުރަން ފެށި ވާހަކަ ސެލީނާގެ ފޭން ޕޭޖެއްގައި ޕޯސްޓްކުރިއެވެ. އަދި އެ ޕޯސްޓަށް ލަވަކިޔުންތެރިޔާ ކޮމެންޓްކުރަމުން ބުނީ ބެނީއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށާއި އަދި އެ ގުޅުމަށް މިހާރު ހަ މަސްވެފައިވާ ކަމަށެވެ. އޭނާ ބުނީ ބެނީ އަކީ އޭނާގެ ހަޔާތަށް އައި އެންމެ ރަނގަޅު މީހާ ކަމަށާއި އެވަރުގެ މީހެއް އަދި ހަޔާތަށް ނާންނަކަމަށެވެ. އަދި ބެނީ އާ އޭނާގެ ގުޅުން ކުރިއަށްދާ ގޮތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް ސެލީނާ ވަނީ ބުނެފައެވެ.

ސެލީނާ އާއި ބެނީ އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު މި އަހަރު މާޗު މަހު ވަނީ ސެލީނާ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުފެތުރިފައެވެ. އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުފެތުރުނީ ނިއު ޔޯކް ރެސްޓޯރަންޓެއްގައި ދެމީހުން އަތުގުޅުވައިގެން ތިބި މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކުއެވެ.

ގިނަ މަޝްހޫރު ތަރިންނާ ލޯބީގެ ގޮތުން ގުޅުނު ސެލީނާ ގޯމޭޒް އެންމެ ފަހުން ގުޅުނީ ނިކް ޖޯނަސް އާއި ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ ގުޅުނު ބައެއް ތަރިންގެ ތެރޭގައި ވީކެންޑް، ނިކް ޖޯނަސް، ޗާލީ ޕުތް، އޯލަންޑޯ ބްލޫމް އަދި ޖަސްޓިން ބީބާ ހިމެނެއެވެ. 2010 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އޮން އެންޑް އޮފް ކޮށް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާ އެކު އުޅުމަށް ފަހު ދެމީހުން ވަނީ ރަސްމީކޮށް 2018 ވަނަ އަހަރު އެ ގުޅުން ނިންމާލާފައެވެ. ޖަސްޓިން ބީބާ މިހާރު އުޅެނީ މޮޑެލް ހެއިލީ އާ ކައިވެނި ކޮށްގެންނެވެ.