ރައްޔިތުންގެ އަޑު އަހާ، ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކުރުމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރަަށް ގޮވާލައިފިއެވެ.

މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ކާމިޔާބުކޮށް އެކަމުގެ އުފާ ފާޅު ކުރުމަށް މިރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ މި ސަރުކާރު ގެނައީ މަޑުމައިތިރި ކަމާއެކު ރައްޔިތުންގެ އަޑު އަހާ ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކުރުމަށް ކަމަށެވެ.

އަދި އެކަން އެގޮތަށް ނުކުރާނަމަ ރައްޔިތުން ނުކުމެ ސަރުކާރު ޖަވާބުދާރީ ކޮށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ވިދާޅުވިއެވެ. އަދި މި ސަރުކާރު ވެރިކަމަަށް އައީ ދޮގު ހަދައިގެންކަން ފާހަގަ ކުރައްވާ ސޯލިހު ވިދާޅުވީ، ސަރުކާރުގެ އަސްލު ސިފަ ރައްޔިތުންނަށް މިހާރު ހާމަވާން ފަށައިފި ކަމަށެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުތަކަށް މާލޭގެ ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް މިއަދު ނެގި ވޯޓުންވެސް އެކަން ހާމަވެގެން ދިޔަ ކަމަށް ސޯލިހު ވަނީ ވިދާޅުވެފައެވެ.

"މާލޭގެ ރައްޔިތުން މިއަދު މެސެޖެއް ދީފި. 71 ޕަސެންޓު މި ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފި. ވެރިކަމަށް އައިތާ ދެ މަސް ނުވަނީސް މާލޭ ރައްޔިތުން ނުކުމެ މި ސަރުކާރަށް ނޫނެކޭ އެ ބުނީ، ސިޔާސަތުތަކަށް ނޫނެކޭ އެ ބުނީ ސަބަބެއް ނެތިއެއް ނޫން. މި ސަރުކާރު ވެރިކަމަށް އައި ގޮތާއި ދެއްކި ވާހަކަތަކާއި އޮޅުވާލުމާއި ނަފުރަތާއި ހެދި ދޮގުތައް މިއަދު ހާމަވާން ފަށައިފި. ސަރުކާރުގެ އަސްލު ސިފަ ހާމަވާން ފަށައިފި،" ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ސޯލިހު ރައީސް މުއިއްޒުގެ ކިބައިން އެދިވަޑައިގަތީ އެމަނިކުފާނުގެ ވެރިކަމުގައި މާލޭގެ ރައްޔިތުންނަށް ދޫކުރި ގޯތިތައް ވީ އެންމެ އަވަހަށް ފޯރު ކޮށްދިނުމަށެވެ. "ފުށިދިއްގަރުފަޅަށް މާލޭގެ ރައްޔިތުން ގެންދަވަން ނުހައްދަވާށޭ. ފްލެޓުތައް ހަވާލު ކުރައްވާށޭ،" އެމަނިކުފާނު ވިދާޅުވި އެވެ.