މާލޭގެ މޭޔަރުގެ އިތުރުން ތިން މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.
މިއަދުގެ އިންތިހާބުގައި މޭޔަރު ކަމަށް ވާދަކުރައްވަނީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު، އިދިކޮޅު އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް، ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް (އައިކޮ) ގެ އިތުރުން އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު އަދި އަމިއްލަ ގޮތުން ޝުއައިބް އަލީ އެވެ.
މިއަދު މާލޭގައި ވޯޓުލުން ކުރިއަށް ގެންދަން ކުރިން ހަމަޖައްސާފައި އޮތީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ނަމަވެސް އިއްޔެ މާލެއަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ ދަތުރުފަތުރަށް ހުރަސް އެޅުމުން މިހާރު ވަނީ ވޯޓުލާ ނިންމާ ގަޑި 5:00 އަށް އިތުރު ކޮށްފައެވެ.
މި ބައިއިލްކެޝަނަށް މާލޭގެ އެކި ދާއިރާތަކުން ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދަކީ 54،680 އެވެ. މިއަދުގެ ވޯޓު ލުން ފެށިގެން ކުރިއަށް ދާ އިރު، ވޯޓު ލާން މި ވަގުތާ ހަމައަށް ދިޔަ މީހުންގެ އަދަދު މަދުކަން ފާހަގަ ކުރެވެއެވެ.
މޭގެ މޭޔަރު ހޮވުމަށް ބައި އިލެކްޝަން މި ބާއްވަނީ ކުރިން މޭޔަރު ކަމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު މިދިޔަ ރިޔާސީ އިންތިހާޞު ކާމިޔާބު ކުރެއްވުމުން އެ ގޮނޑީ ހުސްވުމާ ގުޅިގެންނެވެ.
މޭޔަރުކަމުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ މެންބަރުކަމުގައި ތިއްބެވި ބޭފުޅުން ވެސް މި ބައިއިލެކްޝަންގައި ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮނޑިތައް ހުސްވެފައިވަނީ އާ ސަރުކާރު ހަވާލުވި އިރު އެ މަގާމުގައި ތިއްބެވި ބޭފުޅުން ސިޔާސީ މަގާމުތަކަށް އައްޔަންކުރެއްވުމުން ކައުންސިލް މެންބަރުކަމުން އިސްތިއުފާ ދެއްވާފައި ވާތީއެވެ.