ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކަށް ފްލެޓް ހަވާލުކުރުން ލަސްވާތީ އެމްޑީޕީއިން އެކަން ކުށްވެރިކޮށްފިއެވެ.
އެކަން ކުށްވެރިކޮށް ނެރުނު ނޫސް ބަޔާނުގައި އެމްޑީޕީއިން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ދިނުމަށް ކުރަންޖެހޭ އެއްވެސް މަސައްކަތެއް ސަރުކާރުން ކުރަމުން ނުދާ ކަމަށް ބުނެފައެވެ.
އެމްޑީޕީގެ ނެރުނު ނޫސް ބަޔާނުގައި ވަނީ ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަހައްދުން 4000 ފުލެޓް ލިބޭ ފަރާތްތަށް ކަނޑައަޅައި އެފަރާތްތަކުގެ ނަންތައް ދިވެހި ސަރުކާރުގެ ގެޒްޓްގައި އިއުލާނުކޮށް އެފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނެގުން ކުރިއަށްގެންގޮސްފައިވާކަން ފާހަގަކޮށްފައެވެ. އަދި ގުރުއަތުން ނެގިފައިވާ ފުލެޓް އެ ފަރާތަށް ފޯރުކޮށްދޭނެ ކަމުގެ އެއްބަސްވުން ސަރުކާރާއެކު ހަދާފައިވާކަން ވެސް އެ ޕާޓީއިން ފާހަގަ ކުރެއެވެ.
ނަމަވެސް މިއަދާ ހަމައަށްވެސް ފުލެޓް ހަވާލުކުރުމަށްޓަކައި އެއްވެސް މަސައްކަތެއް ސަރުކާރުން ކުރަމުން ގޮސްފައި ނުވާ ކަމަށް އެމްޑީޕީއިން ބުނެއެވެ. އަދި ހަމައެއާއެކު ފުލެޓް ލިބޭ ފަރާތްތަކުން އެކަމުގައި ކަމާގުޅުންހުރި މުއައްސަސާތަކުގައި ތަކުރާރުކޮށް އެދެމުންދާއިރު ވެސް އެފަރާތްތަކުގެ ޝަކުވާއަށް އިޖާބަދީފައި ނުވާ ކަމަށާއި އެކަމުގެ ޝަކުވާ އެމްޑީޕީއަށް ހުށަހަޅަމުންދާ ކަމަށް އެ ޕާޓީއިން ބުނެއެވެ.
އެމްޑީޕީއިން ބުނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އަދި ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން ވެސް ރައްޔިތުންނަށް ވައުދުވެވަޑައިގަންނަވަމުންދާ ގޮތާ ހިލާފަށް އަދި ރައްޔިތުންނަށް އޮޅޭ ގޮތަށް އެކިފަހަރު އެކި ގޮތް ގޮތަށް ފްލެޓްތަކުގެ ވާހަކަ ރައީސް ޑރ. މުއިއްޒު ދައްކަވަމުންދާ ކަމަށެވެ. އަދި އެއީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފުލެޓް ލިބިފައިވާ ފަރާތްތަކަށް ކަނޑައަޅާފައިވާ ގޯއްޗާއި ފުލެޓް ހަވާލުކުރުން ރައީސް މުއިއްޒު ސަރުކާރު ހިންގުމާ ހަވާލުވެވަޑައިގެން ދުވަހުން ފެށިގެން ހުއްޓާލާފައިވާ ކަމަށާއި ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ވަގުތުން ވަގުތަށް ފެށުމަށް އެމްޑީޕީއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.