އަހަރެންގެ އަނބިމީހާ ފުރަތަމަ ދަރިފުޅަށް މާބަނޑުވިއިރު، ޕްރިނޭޓަލް ޑިވެލޮޕްމަންޓާ ބެހޭ ފޮތެއް އަހަރެންނަށް ދިނެވެ. އަހަންނަށް އެނގުނު ގޮތުގައި ތުއްތު ކުއްޖެއްގެ ފުއްޕާމެއަކީ އެންމެ ފަހުން އުފެދޭ ގުނަވަންތަކުގެ ތެރޭގައި ހިމެނޭ ގުނަވަނެކެވެ. އެހެންވެ ދުވަސް ނުފުރާ ވިހާ ތުއްތު ކުދިން ގިނަ ފަހަރަށް އިންޓިއުބޭޓް ކުރަން ޖެހެއެވެ.
މިކަންތައް އަހަރެންގެ ހަނދާނަށް އެނބުރި އައީ މީގެ އަށް ހަފުތާ ކުރިން އަލްޝިފާ ހޮސްޕިޓަލުގައި އިޒްރޭލުން ޓެރަރިޒަމްގެ ހަމަލާތައް ހިނގަމުންދާތަން ފެނުމުންނެވެ. ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓުތަކުން އެތަނަށް ގެނެސްފައި ތިބި ދުވަސް ނުފުރާ 39 ތުއްތު ކުދިން ގައިގައި ވަނީ ފޮއިލް އޮޅާފައެވެ. ނޭވާ ނުލިބި ހާސްވެގެން އެންމެ ފަހުން މަރުވާ މަންޒަރު އަހަންނަށް ސިފަކޮށްލެވުނެވެ.
ދެން ލިބުނީ ނަސްރު ޕީޑިއަޓްރިކް ހޮސްޕިޓަލުން މެޑިކަލް ސްޓާފުންނާއި ބަލި މީހުން ފިލައިގެން ދިއުމަށް އިޒްރޭލުގެ އަސްކަރިއްޔާއިން މަޖުބޫރުކުރުމާ ގުޅިގެން އެތަނުގައި ފަރުވާ ނުދެވި އޮތް ފަސް ތުއްތު ކުއްޖަކު މަރުވެ ކުނިވަމުންދާކަމުގެ ހަބަރެވެ. އެކުދިން ފިންޏާއި ބިރުވެރިކަމުގެ ތެރޭގައި މަރުވި ގޮތް އަހަރެން ތަސްވީރު ކުރީމެވެ.
ބައިޑަން ސަރުކާރުގެ އިސް އޮފިޝަލުންނަށް އެ ފޮޓޯތަކާއި ވީޑިއޯތައް ފެނިފައިވާ ކަމާމެދު ޝައްކެއް ނެތެވެ. އަހަންނަށް ގަބޫލުކުރެވޭ ގޮތުގައި އޭގެ ތެރެއިން ގިނަ ބަޔަކު އެމީހުންނަށް ފެނުނު މަންޒަރުތަކުން ބިރު ގަންނާނެއެވެ. އަދި އެ ބިރުވެރިން އުފައްދުމުގައި ހަރަކާތްތެރިވާ ބަޔަކަށް އެމީހުން ވުމަކީ އެކަމުގެ ހަގީގަތް އޮޅުވާލުމަށް އިންޓެލިޖެންސް އަންދާޒާތައް ހަދައި، ސީދާ ދޮގުތައް ހެދުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
ނަމަވެސް އިޒްރޭލުގެ ދޮގު ހަބަރު ފެތުރުމަށް ބައިޑަންގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެހެން ކަމެއް ވެސް އެބަ އޮތެވެ. ދޮގު މައުލޫމާތުތަކަކީ ހަނގުރާމައިގައި ވެސް އަދި ޖަރީމާތައް ހިންގުމުގައި ވެސް ވަރުގަދަ ހަތިޔާރެކެވެ.
އިންޓެލިޖެންސްގެ ވާހަކަ ދައްކާއިރު އެމެރިކާ ސަރުކާރަކީ މާ އިތުބާރު ކުރެވޭ ސަރުކާރެއް ނޫނެވެ. ސެކްރެޓަރީ އޮފް ސްޓޭޓް ކޮލިން ޕަވަލް 2003 ވަނަ އަހަރު އދ.ގައި ވަނީ އިރާގުގައި ހަތިޔާރު ގެންގުޅޭ ކަމަށް ތުހުމަތުކޮށް، ހެއްކެއްގެ ގޮތުގައި ހުދު ޕައުޑަރު ހިމެނޭ ޕްރޮޕް ވައިލްއެއް ހުށަހަޅާފައެވެ. ޕަވަލްގެ އެ އަމަލުތަކުން އެއްވެސް މީހަކަށް އޮޅުވާނުލެވުނު ނަމަވެސް އޭނާގެ ޕްރެޒެންޓޭޝަނަކީ އަންނަން އޮތް ކާރިސާއިން ދުރުކޮށްލަން ފުދޭ ވަރުގެ ޕްރެޒެންޓޭޝަނެކެވެ.
އަހަރެމެންނަށް އަބަދުވެސް އެނގިފައި އޮތް ކަންތައްތައް ދުވަސްތައް ދަމުން ދިޔަ ވަރަކަށް ދިޔައީ ޔަގީންވަމުންނެވެ. އިރާގުގައި ބޮޑެތި ހަލާކުގެ ހަތިޔާރެއް ނެތެވެ. 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާތަކާ ސައްދާމް ހުސައިނާއި އެއްވެސް ގުޅުމެއް ނެތެވެ. އަދި ހަމައެކަނި ޔޫރޭނިއަމް ޔެލޯކޭކްގެ ވާހަކަ ދައްކާފައިވަނީ އިނގިރޭސިންނާއި އެމެރިކާގެ ޖާސޫސުންނެވެ.
ނަމަވެސް އިރާގާ ބެހޭ ގޮތުން ދައްކާ ދޮގުތަކަކީ އާ ވާހަކަތަކެއް ނޫނެވެ. ޕަވަލްގެ މި މަސައްކަތަކީ އާންމުންގެ ވިސްނުން ބައްޓަން ކުރުމަށް އެމެރިކާ ސަރުކާރުން ފަރުމާކޮށްފައިވާ ދޮގު މައުލޫމާތު ދިނުމުގެ ސިލްސިލާ އަމަލުތަކުގެ ހަނދާން އާކޮށްދޭ އެއް މިސާލެވެ.
އެންމެ މަޝްހޫރު މިސާލަކީ 1964 ވަނަ އަހަރު ވިއެޓްނާމްގެ އައްސޭރިފަށުގައި އޮންނަ ގަލްފް އޮފް ޓޮންކިންގައި ހިނގި ހާދިސާއެކެވެ. އޭރު އެމެރިކާއިން ވަނީ އުތުރު ވިއެޓްނާމްގެ ސިފައިންނާ އެކު އެތަނުގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ވާހަކައެއް ހަދާފައެވެ. އަމާޒަކަށްވީ ދާހިލީ ގޮތުން އެ ހަނގުރާމަ އިތުރަށް ވަރުގަދަކުރުމަށް ބާރުއެޅުމެވެ. އެކަން ކާމިޔާބުވެ، ވިއެޓްނާމްގެ އެތައް މިލިއަން އާންމުންނެއް އެއްވެސް ބޭނުމެއް ނެތި ހިނގި ހަމަނުޖެހުންތަކުގައި މަރުވިއެވެ.
މިއަދު ރައީސް ޖޯ ބައިޑަން އާއި އެމަނިކުފާނުގެ އެޑްވައިޒަރުން އަންނަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދޮގުތައް ހަދަމުންނެވެ. އަދި ގާޒާގެ އަލްޝިފާ ހޮސްޕިޓަލުގެ ދަށުގައި ހަމާސްގެ އަސްކަރީ މަރުކަޒެއް ހުރިކަން އަންގައިދޭ މިނިވަން އިންޓެލިޖެންސެއް ފެނިފައިވާ ކަމަށް އެ މީހުން ވަނީ ބުނެފައެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ހަމާސް ޖަމާއަތުގެ އަސްކަރިއްޔާގެ މައި މަރުކަޒު ހޮސްޕިޓަލެއްގެ ދަށުގައި އޮތުމަކީ ހަމާސް އިން ފުރަތަމަ ހިންގި ޖަރީމާކަމަށެވެ. "އެއީ ހަގީގަތް. އެކަން މިވަނީ އެގޮތަށް ހިނގާފައި." އެކަމަކު އެއީ ކަނޑައެޅިގެން ދޮގެކެވެ. ދޮގު މައުލޫމާތު ދިނުމަކީ އެކަމަށް އަމަލުކުރާ މީހުންގެ ނަޒަރުގައި ބޭނުންތެރި މަގްސަދެއް ހާސިލްކުރާ ކަމެކެވެ.
ހިނގަމުންދާ ކަންކަމާ މެދު ޕްރޮޕެގެންޑާގެ ސަބަބުން ވިސްނުންތައް ގޯސްވެގެން ދެއެވެ. އަހަރެމެންގެ މީޑިއާތަކުން ކުއްލި ހަބަރުތައް ގެނެސްދޭން ޖެހެނީ ސީދާ އެކަމެއް ހިނގާ ގޮތަށެވެ. އަދި ސަރުކާރުގެ އޮފިޝަލުން ދައްކާ ވާހަކަތަކަކީ އިހުލާސްތެރި ވާހަކަތަކެއް ކަމަށް ގަބޫލުކުރެވެއެވެ. މީގެ އިތުރުން ރައީސްގެ މަގާމަށް އިހުތިރާމް ކުރުން އަށަގެންނެވުމާއި، ރައީސް ވިދާޅުވާ ކޮންމެ ބަސްފުޅަކީ ހަބަރަށް އަރަންޖެހޭ ބަސްތަކެއް ކަމަށް އަހަރެމެންނަށް ގަބޫލުކުރެވެއެވެ.
އެ އިހުތިރާމެއްގެ ސަބަބުން ރިޔާސީ ދޮގުތައް ފުޅާ ދާއިރާއެއްގައި ބްރޯޑްކާސްޓް ކުރެވިގެން ދެއެވެ. އެކަމަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް އެކުލެވޭ ކަމަށް ޝައްކު ކުރެވޭ ކަމެއް ނަމަވެސް، އެ ވާހަކަތައް ހަބަރަކަށް ނާރައެވެ.
އޮޅުންބޮޅުންތަކާއި ދޮގު މައުލޫމާތުތައް އިންދައިގެން، އަނިޔާވެރިކަމާ މެދު އިންތިހާބީ ވިސްނުމެއްގެ ބާރު، އަދި ގަދަބާރުން ދެކޮޅު ހެދުމުގެ ބާރު ރައީސް ކުޑަކުރައްވައެވެ. އެގޮތުން ޑިމޮކްރަސީގެ އާދައިގެ ޖަވާބުދާރީވުމުގެ ނިޒާމުތަކުން ސިޔާސަތުތައް ކަނޑައެޅުމަށް ދޮގު މައުލޫމާތު ބޭނުންކުރެއެވެ.
ނަމަވެސް ދޮގު މައުލޫމާތު ކުރިން ހިނގަމުން ދިޔަ ގޮތަށް ނުހިނގާކަމުގެ ނިޝާންތައް ވަރަށް ކުރީކޮޅު ފެންނަން އެބަހުއްޓެވެ. މިއަދު ހަބަރުތައް ފެތުރިގެންދާ ދުވެލި ވަރަށް އަވަހެވެ. ދޮގެއް ހެދުމަށްފަހު އެ ދޮގުގެ ހަގީގަތްތައް ހާމަނުކުރެވި އުޅެނިކޮށް އަނެއް ދޮގު ހަދައެވެ. ގާޒާގެ ދެކުނުގައިވާ ހާން ޔުނިސް އާއި ރަފާހުގައި އިތުރު އަނިޔާވެރި އަމަލުތަކުގެ ބިންގާ އެޅުމަށް އިޒްރޭލުގެ ލީޑަރުން މަސައްކަތް ކުރަމުން ދިޔައިރުވެސް އަހަރެމެން ވިސްނަމުން ދިޔައީ އަލް-ޝިފާ ހޮސްޕިޓަލާ މެދުއެވެ. އިޒްރޭލުން މިހާރު ވަނީ ގާޒާގެ 36 ހޮސްޕިޓަލްގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ހޮސްޕިޓަލެއް ހަލާކުކޮށްލާފައެވެ. އަލްޝިފާ އާއި އަލް ނަސްރު ޕީޑިއެޓްރިކް ހޮސްޕިޓަލް އަދިވެސް އަހަރެމެންގެ ވިސްނުމުގައި ވެއެވެ.
އިޒްރޭލަށް އަމާޒުކޮށް ދެކުނު އެފްރިކާއިން ހިންގަމުންދާ ޖަރީމާތަކުގެ އިތުބާރު ހުރި ތުހުމަތަށް މުޅި ދުނިޔެ އެނބުރެމުންދާއިރު، ވައިޓް ހައުސްއިން ވަނީ އަލްޝިފާގައި އެމީހުންގެ ދޮގުތައް ދެގުނަ އިތުރުކޮށް އާ "އިންޓެލިޖެންސް" ނެރެން އިހްތިޔާރުކޮށްފައެވެ. ކޮން ބޭނުމަކަށް ކަމެއް ނޭނގުނު ނަމަވެސް ހާލަތުގެ ގޮތުން އެނގެނީ އެމީހުން ބޭނުންކުރަމުން އަންނަ ދޮގު މައުލޫމާތު ފެތުރުމުގެ އުކުޅު އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމެވެ.