މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖަނަވަރީ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ވޭޕް ކާޓްރިޖް އަދި ގިނަ އަދަދެއްގެ ދިވެހި ފައިސާ ފެނިފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތް ދުއްވާ ސައިކަލު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް ހުރި 17 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން 25 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށާއި 32 އަހަރުގެ އަންހެން މީހާ ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ޑްރަގް އެންފޯސްޓްމަންޓުން ތަހުގީގުކުރަމުންދާ ކަަމަށެވެ.
ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އެ ރޭ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ވިލިމާލޭގެ ފުލެޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަކު ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ. އަދި ދެވަނަ މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ވަނީ ޖަހާފައެވެ.